ސިހުރު ހަދާފަ ހުރި ކަމަށް ބުނެ ށ. ގޮއިދޫ ވޯޓު ފޮށި ބަނދަރު ސަރަހައްދަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ރަށު ކައުންސިލް އިދާރާއިން ހާމަކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ށ. ގޮއިދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ރަމީޒު ވިދާޅުވީ ވޯޓު ފޮށި ބަހައްޓާތަން ބަދަލުކުރުމުގެ މަސައްކަތް ފެށީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުގައި ސިހުރު ކަންތައް ބޮޑުވެފައިވާތީ، އެކަމާ މެދު ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްނުތަނަވަސްވެ، ސްކޫލު ނޫން އެހެން ތަނެއްގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްފޮށި ބަހައްޓަށް އެދެމުން ކަމަށެވެ.
ރަމީޒު ވިދާޅުވީ ދެވަނަ ބުރުގައި ގޮއިދޫގައި ވޯޓުފޮށި ސްކޫލް ނޫން އެހެންތަނެއް ބަހައްޓައި ދިނުމަށް އިއްޔެގެ ވަގުތެއްގައި އާންމުންގެ ބަޔަކު ހުށަހެޅުމާ ގުޅިގެން ވޯޓްފޮށި ދެވަނަ ބުރުގައި ބަނދަރު ސަރަހައްދު ސްޓޭޖް ކައިރީގައި ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނާއި ކައުންސިލާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވޯޓް ފޮށި ބަހައްޓާނެ ސަރަހައްދު އަދި ކަނޑަ އެޅިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ނިމިގެންދިޔަ ރިޔާސީ އންތިހާބުގައި ގޮއިދޫއިން އެންމެ ގިނަ ވޯޓް ލިބިފައިވަނީ ޖުމުހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިން ރަށްރަށުގެ ސްކޫލުތަކުގައި ބެހެއްޓި ވޯޓުފޮށިތައް އެހެން ތަންތަނަށް ބަދަލުކުރުމަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އިލެކްޝަން ކޮމިޝަނުގައި އެދިފައެވެ.