ދިރާގު ޓަޗްނެޓް ޕެކޭޖުތަކުގެ ޑޭޓާ އެލަވަންސް ޑަބަލްކޮށް ލިބޭ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އިންޓަނެޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ވިއްކަމުން ގެންދާ ޓަޗްނެޓް ޕްރިޕެއިޑް ޕެކޭޖުތަކާއި ޕޯސްޓް ޕެއިޑް ޕެކޭޖުތަކަށް މިހާރު ލިބޭ ޑޭޓާ އެލަވަންސް އެތައް ގުނައެއް އިތުރަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަލަށް ތައާރަފްކުރި މި ޕްރޮމޯޝަނާ ބެހޭ ގޮތުން މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީނިޔަ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ ގިނަ ބަޔަކު މޮބައިލް ފޯނާއި ޓެބްލެޓް ފަދަ ތަކެތިން އިންޓަނެޓުގެ ހިދުމަތް ހޯދަން ދިރާގު ޓަޗްނެޓްގެ ހިދުމަތް ބޭނުން ކުރާ ކަމަށާއި އެހެންކަމުން މި ޕްރޮމޯޝަންގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޓަޗްނެޓް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 38 ޕަސެންޓް އެލަވަންސް ލިބޭއިރު ޓަޗްނެޓް ޕްރިޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓްގެ އެލަވަންސް ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ޓަޗްނެޓް ޕޯސްޓްޕެއިޑް ޕެކޭޖަށް އަލަށް ގެނައި ބަދަލުތަކާ އެކު 250 ރުފިޔާގެ ޕެކޭޖެއް ނެގުމުން ކުރިން ލިބުނު 2 ޖީބީގެ ބަދަލުގައި 2.5 ޖީބީ ލިބިގެންދާނެ އެވެ. އަދި ޕްރޮމޯޝަން ދުވަސްވަރު އިތުރު 512 އެމްބީ ހިލޭ ލިބިގެންދާނެ އެވެ. މީގެ އިތުރުން 449 ރުފިޔާއަށް ކުރިން ލިބުނު 4 ޖީބީގެ ބަދަލުގައި މިހާރު 5.5 ޖީބީ ލިބޭއިރު ޕްރޮމޯޝަން ދުވަސްވަރު 1.1 ޖީބީ އިތުރަށް ލިބެ އެވެ. އަދި 690 ރުފިޔާ ހަރަދުކޮށްގެން މީގެ ކުރިން 7 ޖީބީ ލިބުނުއިރު މިހާރު 8 ޖީބީ ލިބެ އެވެ. ޕްރޮމޯޝަން ދުވަސްވަރު އިތުރަށް 1.6 ޖީބީ ލިބިގެންދާއިރު މިހާރު ވެސް 790ރ. އަށް އަންލިމިޓެޑް ޕެކޭޖް ލިބެން ހުންނާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.
ދިރާގުން މި ޕްރޮމޯޝަން ފެށިއިރު ޓަޗްނެޓުގެ ހިދުމަތް ހޯދަން ބޭނުންކުރާ އިންޓަނެޓު މޯޑަމްގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ކުރިން 700 ރުފިޔާއަށް ލިބޭ މޮޑަމެއް މިހާރު 599 ރުފިޔާއަށް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ޑޭޓާ އެލެވެންސް އިތުރުކޮށް ތައާރަފްމިކުރި ޕްރޮމޯޝަން އިއްޔެއިން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ 23 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.