ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިނބީ ސްކޫލުގައި ވޯޓު ފޮށި ނުބަހައްޓާގޮތަށް އެ ސްކޫލުގެ ބޯޑުން ނިންމައިފި އެވެ.
މިކަމާ ގުޅިގެން ކުރިނބީ ސްކޫލުގެ ޓްރެއިންޑް ލީޑިން ޓީޗަރު ހުސައިން ނާޒިމް ވިދާޅުވީ ބައެއް ރަށް ރަށުގައި ސިހުރުގެ ކަންތައްތައް އިންތިހާއަށް ގޮސް ބެލެނިވެރިންގެ ހިތްތަކުގައި ބިރުވެރިކަން ބޮޑުވެ، ބައެއް ބެލެނިވެރިން ސްކޫލުގައި ވޯޓުފޮށި ނުބެހެއްޓުމަށް އެދިފައިވާ ކަމަށެވެ.
އެހެން ކަމުން ސްކޫލު ބޯޑުގެ ބައްދަލުވުމުގައި އެ ބޯޑުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވޯޓުފޮށި ނުބެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. ނާޒިމް އިތުރަށް ވިދާޅުވީ މިކަމަކީ ބެލެނިވެރިންގެ ހިތް ހަމަޖެހުމަށް ނިންމި ނިންމުމެއް ކަމަށާއި ސިހުރުގެ އެއްވެސް ކަމެއް އެރަށުގައި ނެތް ކަމަށެވެ.
މިކަމާ ގުޅިގެން ކުރިނބީ ކައުންސިލް އިދާރާއިން ބުނީ ވޯޓުފޮށި ބަހައްޓާނެ ވަކި ތަނެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ސިހުރުހަދާ ކަމަށް ތުހުމަތުކޮށް ގިނަ ރަށްރަށެއްގެ ސްކޫލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ދެކޮޅު ހަދާފައިވެއެވެ.