އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުން، “ލާދީނީ ފިކުރާ ދެކޮޅަށް” ރޭ ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީ ތަކެއް ބައިވެރިވި މި ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ ރައީސް ނަޝީދު އަށާއި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހދ އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ހުންނެވި އިމާދު ވިދާޅުވީ “ވޯޓުތައް އޮޅުވާލެވޭ ގޮތްތަކަކީ އަޅުގަނޑުވެސް ދަންނަ ކަންތަކެއް” ކަމަށެވެ. އޭނާ ވިދާޅުވީ 1982 ވަނަ އަހަރުން ފެށިގެން މިދިޔަ އިންތިހާބާ ހަމައަށް ވޯޓް ކަންތައްތަކުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ވޯޓް އޮޅުވާލެވޭނެ ގޮތްތައް އެނގޭ ކަމަށެވެ.
ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ވަހީދަށް އިޝާރަތް ކުރައްވާ އިމާދު ވިދާޅުވީ ކުޅުދުއްފުށިން ގެންގޮސްގެން ތޮއްޑޫގައި އިންދި ކަރާ އޮށަކުން ފެޅި ވެލަކުން ނިކުތް ކަރާ، ލާދީނީ ފިކުރުގެ ބަޔަކު ބޮޑު އަގުގައި ގަނެ އޭނާ ނުބައި އަތަށް ހައްލުވާލާފައިވާ ކަމަށެވެ. އިމާދު ވިދާޅުވީ މި ގައުމުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
މި ޖަލްސާގައި ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް ހަރަކާތެރިވާ އިބުރާހިމް (ސިއްތި އިބުރާހިމް) ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާ މަޖިލިސް މެމްބަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން މެމްބަރު ގަފޫރު މޫސާއަކީ “ބޮޑު ވަގެއް” ކަމަށާއި އޭނާ ވަނީ ހދ އަތޮޅަށް ދަނޑުވެރިކަން ކުރުމަށް ސަބްސިޑީގެ ނަމުގައި 8 ބިލިއަން ރުފިޔާ ގެނެސް ބަހާފައި އޭގެ ނާޖާއިޒް ފައިދާ ނަގާފައިވާ ކަމަށެވެ.
250 އެއްހާ މީހުން ބައިވެރިވި މިޖަލްސާގައި އާންމުކޮށް ސިޔާސީ ފަރާތްތަކުން ބާއްވާ އެއްވުންތަކާއި ޖަލްސާތަކުގައި ނުދައްކާހާ ހަޑިހުތުރުވަ ބަހުން ސިޔާސީ ފަރާތްތަކަށް ފާޑުކިޔާފައިވެއެވެ. މިޖަލްސާ ބާއްވާފައިވަނީ ކުޅުދުއްފުށީ މާލިހާމަގުގެ ހޮޅިއަށި ކައިރީގައެވެ.
މިޖަލްސާގައި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލާއި އެއިދާރާގެ ޒިންމާދާރުވެރިޔާ އާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފުއާދު ގާސިމް އަދި ޕީޕީއެމްގެ އުތުރުގެ ކެމްޕެއިން ކޯޑިނޭޓަރ ނާއިފް ޝައުކަތުގެ އިތުރުން ކުޅުދުއްފުށީ އަންހެން ކޮމެޓީގެ ރައީސާއި ނާއިބު ރައީސާ ބައިވެރިވެވަޑައިގަތެވެ.