ކުޅުދުއްފުށީ އަމީނީމަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާ އެމަގު ހުޅުވާ، ބަންޑާރަމަގުގެ ތާރު އެޅުމުގެ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މިއަދު ފައްޓަވަައި ދެއްވައިފި އެވެ.
މިރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިފަދަ ބޮޑުމަގެއް ހަދާ ނިންމާލި އިރު ކުޅުދުއްފުށީގެ ރައްޔިތުން ކިބައިން ލިބުނު އެއްބާރުލުން ފާހަގަ ކުރައްވާ ކުޅުދުއްފުށީ ރައްޔިތުންނަށް ޝުކުރާއި މުބާރިކް ބާދީ ދެންނެވި އެވެ. ރައީސް ވިދާޅުވީ މާދަމާ ކުޅުދުއްފުށީ ބަންޑާރަމަގުގެ މަސައްކަތް ފެށޭނެކަމަށާއި އަދި ކުޅުދުއްފުށީގެ ހުރިހާ މަގެއް ވެސް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށެވެ.
ޖަލާލުއްދީން ސްކޫލު ކުރިމަތިން އަމީނީމަގުގައި އޮތް މިރަސްމިއްޔާތުގައި، މިމަގުގެ ހެދުމަށް 2010 ވަނަ އަހަރު ސަރުކާރުން ހަވާލުކުރި އެމްއާރުޑީސީގެ ޗެއާރމަން އިބުރާހިމް ނާޒިމް ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބޭފުޅުން (ކައުންސިލަރުން) ގެ ފަރާތުން އަމީނީމަގު ހެދުމަށް ހުރަސް ތަކެއް އެޅިކަމަށާއި މިމަގު ހަދައިފި ނަމަ ބައެއްބޭފުޅުން އެކޮޅުކޮޅުން ހިންގަވާނަމޭ ވިދާޅުވެފާވާތީ، އެބޭފުޅުން އެކޮޅުކޮޅުން ހިންގަވާތޯ ބެލެވުމަށް މާދަމާ މަޑުކުރައްވާނެ ކަމަށް ނަޒީމް ވިދާޅުވި އެވެ.
ރައީސް ވަހީދު އަމީނީމަގު މިއަދު ހުޅުވުމުގެ ގޮތުން ވަނީ ދަމާފައިވާ ރިބަންފަށް ކަނޑާލަދެއްވާފަ އެވެ. މިއަދު ހަވީރު އޮތް މިރަސްމިައްޔާތުގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ އުފާ ފާޅުކޮށްފަ އެވެ. ބޮޑުބެރު ޝޯ އަކާއެކު މިރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފޯރިގަދަ ކޮށެވެ.
އަމީނީމަގު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ވަނީ ރައީސް ވަހީދަށް ރަމްޒީގޮތުން “ކުޅުދުއްފުށީ ތަރައްގީގެ ތަޅުދަނޑި” އެއް އަރުވާފަ އެވެ.