ހިތުގެ ބަލިތަކުގެ ސަބަބުން އަހަރަކު 17.3 މިލިޔަން މީހުން މަރުވާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިންޑިއާގެ ލަކްނޯގެ ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީގެ ޑިޕާޓްމެންޓް އޮފް ކާޑިއޮލޮޖީއިން އާއްމުކުރި މި ދިރާސާގައިގައިވަނީ ހިތުގެ ބަލިތައް ކަމަށްވާ ހާރޓް އެޓޭކާއި ސްޓްރޯކު ފަދަ ބަލިތަކުގެ ސަބަބުން އަހަރަކު 17.3 މިލިޔަން މީހުން މަރުވާ ކަމަށާއި އެއަދަދު 2030 ވަނަ އަހަރު އަންނަން ވާއިރަށް 23 މިލިޔަނަށް އަރާނެކަމަށެވެ.
ޔުނިވަރސިޓީގެ މި ދިރާސާއަށްފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން އަހަރަކު 4500 ހިތުގެ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަނީ އެންޖިއޯޕްލާސްޓީ ހަދައިގެންނެވެ. އަދި ވޭތުވެދިޔަ 2011 އަދި 2012 ވަނައަހަރު 2000 މީހުން އުއްތަރު ޕްރަދޭޝްގައި އާޓިފިޝަލް ޕޭސްމޭކަރު އަށަގަންނުވާފައިވާ ކަމަށްވެސް މި ރިޕޯޓުގައިވެއެވެ. އަދި ކުރިއާއި އަޅާބަލާއިރު މިއަދަދު މިދިޔައަހަރުގައި 30 އިއްސައްތަ އަށް އިތުރުވެފައިވާ ކަމަށްވެސް މިރިޕޯޓުގައި ބުނެއެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިތުގެ ބަލިތަކުގެ ޝިކާރައަކަށް ވަމުންދާއިރު ޒުވާނުންނާއި ހަރުމީހުން ދިރިއުޅުމުގެ ބައެއް އާދަތައް ދޫކޮށްލައިފިނަމަ މިފަދަ ބަލިތަކުން ވަރަށް ބޮޑަށް ރައްކާތެރިވެވޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ. އަދި މިފަދަ ބަލިތަކުން މުޖްތަމައު ރައްކާތެރިކުރުމުގައި ދުންފަތް ކޮންޓުރޯލް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލި އެވެ.
ދިވެހިރާއްޖޭގައިވެސް ވަނީ ދުންފަތް ބޭނުން ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ ޖެނުއަރީ 1 ގައި އަމަލުކުރަން ފަށާފައެވެ. އެހެން ނަމަވެސް މި ގާނޫނު މޮނީޓާކުރާނެ ބަޔަކު ނެތްއިރު، މި ގާނޫނު ހަމަ އެއްގޮތަކަށް ވެސް ތަންފީޒު ވަމުންދާ ތަނެއް ނުފެނެ އެވެ.
2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ. ވޯލްޑް ހާރޓް ފެޑެރޭޝަނުން އިސްނަގައިގެން ހިތުގެބަލިތަކާމެދު މީހުން ހޭލުންތެރިކުރުވުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި މިދުވަސް ފާހަގަކުރާއިރު މިދުވަސް ރާއްޖޭގައި ފާހަގަކޮށްފައެއް ނުވެއެވެ.