ދިވެހި ބަހުގެ ޑިގްރީ ކޯހާއެކު އިތުރު އައު ޑިގުރީ ކޯސްތަކެއް އަންނަ އަހަރު ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ.
ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރ އިބްރާހީމް ފައިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2014 ވަނަ އަހަރު ފެކްލަޓީ އޮފް އާރޓްސްގެ ދިވެހި ބަހުގެ ޑިގްރީ ކޯހަކާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ބެޗްލަރސް އޮފް އިސްލާމިކް ސްޓަޑީޒް ވިތު އޮނާޒްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރުވެސް ފަށަން މަސައްކަތްކޮށް ކުދިން ހަމަނުވުމުގެ ސަބަބުން ކެންސަލްކުރި ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖު އެންޑު ލިޓްރޭޗަރ ކޯސްވެސް މިއަހަރު ފަށަން ހަމަޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ އިތުރުން ޑިޕްލޮމާ އިން ޕަރއިމަރީ ހެލްތު ކެއާ އާއި ޑިޕްލޮމާ އިން ޝަރީއާ އިން ލޯ އަދި އިންޖިނިއަރިންގ ދާއިރާގެ އިތުރު ކޯސްތަކެއްވެސް އަންނަ އަހަރު އަލަށް ފެށޭނެކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި ހިންގާ ދިވެހި ބަހުގެ ޑިގްރީ ކޯހުގައި 25 ޖާގަ އޮތްއިރު އިސްލާމިކް ސްޓަޑީޒްގެ ޑިގްރީ ކޯހުގައި 30 ޖާގަ އޮންނާނެކަމަށް ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ މި ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި އެންމެ ގިނައިން ހިންގަނީ އިންޖިނިއަރިން ދާއިރާގެ ކޯސްތަކެވެ.