ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސް ކަމާ ހަވާލުވާނޭ ފަރާތެއް ހޮވުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ނިންމައި ހުކުމް ކުރުން މާދަމާ 2:30 ގައި އޮންނާނެ އެވެ.
މި މައްސަލައަކީ ރިޔާސީ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލައިފައިވާކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕުރީމް ކޯޓަށް ހުށައަޅައިފައިވާ މައްސަލައެކެވެ. މާދަމާގެ 2:00 އަށް ކުރިން ތާވަލް ކުރި މިމައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ބާއްވައިފައި ވަނީ ނިމިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައި ނުވުމުން 21 ދުވަހުގެ ތެރޭގައި ދެ ވަނަ ބުރެއް ބާއްވަން ގާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ހުށައަޅައިފައިވާ މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސީ އިންތިހާބު ފަސް ކުރުމަށް ސުޕުރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
މީގެ އިތުރުން ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުރުން ވެސް މިހަފްތާގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާއަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން ހުށައަޅާފައިވާ މި މައްސަލަ ތާވަލް ކުރެވިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނަށާއި ދައުވާކުރާ ޕީޕީއެމަށް ވެސް ވަނީ ޚުލާސާކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. އާންމު ގޮތެއްގައި ހުލާސާ ބަޔާނަށް ފަހު ދެން އޮންނަނީ ހުކުމް އިއްވުމެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ސްޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކާ ގުޅިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވުމުން އެމްޑީޕީން އަންނަނީ ކޮންމެ ރެއަކުވެސް އިންތިހާބު އަވަސް ކުރުމަށް ގޮވައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި އިންތިހާބުގެ ދެވަނަ ބުރު އަވަސް ކުރުމަށް ބޭރުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ ބާރުއަޅުއްވަމުންނެވެ.