ކުޅުދުއްފުށީގައި ފެން ތަހުލީލު ކުރާނެ ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ހދ އަތޮޅު ކައުންސިލުގެ ނައިބުރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވީ އަތޮޅު ކައުންސިލުގެ މާލިއްޔަތުން ހަރަދު ކޮށްގެން ކުޅުދުއްފުށީގައި ފެން ތަހުލީލު ކުރާ ލެބޯޓަރީއެއް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އިސްކަމެއްދީގެން ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކީ ވަކި މިންގަނޑެއްގައި ހުންނަޖެހޭ އެއްޗެކަމުން ފެން ތަހުލީލު ކުރާ ލެބޯޓަރީއެއް ގާއިމުކުރުމުން ކޮންމެ ފަހަރަކު ފެން ތަހުލީލު ކުރުމަށްޓަކައި މާލެ ފޮނުވަން ނުޖެހި، މި ސަރަހައްދުގެ ހުރިހާ ރަށަކުން ފެން ތަހުލީލުކުރާ ލެބޯޓަރީއަކަށް އެ ލެބޯޓަރީ ވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ތަނަކުން ހިދުމަތް އަވަސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިފައިވާ އެއްޗެއްކަމުން، އެ ބޭނުން ކުރައްޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭކަން ޔަގީން ކުރުމަށްފަހުގައި ކަމަށްވެސް ނަސްރުﷲ ވިދާޅުވި އެވެ.
ނަސްރުﷲ ވިދާޅުވީ މުސްތަގުބަލުގައި ފެން ނޫނަސް އެހެން އެއްޗެހި ވެސް ލެބޯޓަރީ ޓެސްޓް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ލެބޯޓަރީއަށް ބެނުންވާ ބައެއް ސާމާނު މިހާރު ގެންނަމުންދާ ކަމަށާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.