މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ އެ އިންތިހާބު ބާތިލުކުރުމަށް ޖުމުހޫރީ ކޯލީޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށް މި މަހުގެ 20 ގެ ކުރިން އަލުން އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މިރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އިންތިހާބު ބާތިލުކުރުމަށް ކަނޑައެޅުއްވީ 4 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރައުޔު ތަފާތުވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުއުތަސިމް ފިޔަވައި ދެން ތިއްބެވި، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުއާއި ފަނޑިޔާރު އަބްދުﷲ އަރީފުގެ ރައުޔުގައިވެސް ވޯޓުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަ ކުރައްވާފައިވެއެވެ.
އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، އިންތިހާބު މި މަހުގެ 20 ގެ ކުރިން ބޭއްވުމަށާއި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އަންނަ ނޮވެމްބަރު މަހުގެ 3 ގެ ކުރިން ދެވަނަ ބުރު ބާއްވާ ނިންމުމަށްވެސް ހުކުމުގައި އަންގަވާފައި ވެއެވެ.
ހުކުމުގައި ފާހަގަކޮށްފައިހުރި މުހިއްމު ކަންތައްތަކަށް ބަލާއިރު، އިންތިހާބުގައި އޮޅުވާލުންތަކެއް ހަދާފައިވާކަން، ފުލުހުންގެ ފޮރެންސިކް ޓީމަކުން ކުރި ހާއްސަ އޮޑިޓަކުން އެނގިފައިވާކަމަށް ބުނެފައި ވެއެވެ. އެގޮތުން މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔުގައި ބުނެފައިވާ ގޮތުގައި 5623 ވޯޓުގައި މައްސަލަ ހުރިކަމަށް ދައްކާފައިވާ ކަމަށާއި އޭގެތެރޭގައި 18 އަހަރުނުވާ ކުދިންނާއި މަރުވެފައިވާ 718 މީހުންގެ ނަމުގައި ވޯޓު ދީފައިވާ ކަމަށާއި އަދި އޭގެ އިތުރުން އެކަކު ދެ ފަހަރު ވޯޓުލުން ފަދަ މައްސަލަތައް އެ އަދަދުތަކާއެކު ހުކުމުގައި ގެނެސްފައިވެއެވެ. އަދި ދާއިމީ އެޑްރެސް ދިމާނުވާ 2630 މީހުން ވޯޓުލާފައިވާ ކަމަށް ދައްކާ ކަމަށާއި އައިޑީކާޑު ދިމާނުވާ 819 މީހުން ވޯޓު ލާފައިވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
އަލުން އިންތިހާބު ބާއްވަން އެންގިއިރު ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަމާބެހޭ މުއައްސަސާތަކަށް އަންގާފައި ވެއެވެ. އެ ގޮތުން ސިކިއުރިޓީ ފީޗާތަކާއެކު ވޯޓު ކަރުދާސް އަލުން ޗާޕް ކުރުމަށާއި ވޯޓު ރަޖިސްޓްރީ ތައްޔާރުކުރުމުގައި ހަމައެކަނި ނޭޝަނަލް ރަޖިސްޓްރޭޝަނުގެ މައުލޫމާތުތަށް ބޭނުން ކުރުމަށާއި ވޯޓުލާ ސަރަހައްދުތަކުގައި ތިބޭ އޮފިޝަލުންނަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ހުރިހާ ކެނޑިޑޭޓުން ގަބޫލުކުރާ އޮފިޝަލުންނަށް ވާންޖެހޭނެ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ. މީގެ އިތުރުންވެސް ގިނަ ކަންކަމެއް އިސްލާހުކުރުމަށް ހުކުމުގައި އިލެކްޝަނަށް އަންގާފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމާ ގުޅިގެން އިލެކްޝަނުން އަދި މިހާތަނަށް މީޑިޔާއަކަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.