ހދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެ ސްކޫލުގެ މެނޭޖްމަންޓާއި އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހެނދުނު ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި އެ ސްކޫލަށް ދިމާވެފައިވާ ދަތިތައް އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދާ ހިއްސާކުރައްވާފައި ވެއެވެ.
މިއަދުގެ މަޝްވަރާތަކާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އޭއީސީގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ އެ ސްކޫލަށް ސްޕޯޓްސް ސްޕަވައިޒަރަކާއި އެޑްމިނިސްޓްރޭޓަރެއްގެ އިތުރުން ބައެއް ޓީޗަރުން ހޯދުމަށް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް އެކަން ހަމަޖެހިފައި ނުވުމުން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ޒިޔާދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ފިނޭންސް މިނިސްޓްރީން ސަރުކާރަށް މުވައްޒަފުން އިތުރު ނުކުރުމަށް އެދިފައިވާ ކަމަށް ޑރ. މުހުސިން ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ޒިޔާދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގުމުގެ ކުރިންވެސް އެ ސްކޫލަށް ސްޕޯޓް ސްޕަވައިޒަރަކާއި އެޑްމިނިސްޓްރޭޓަރެއް ހޯދުމަށް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.
ހަމައެއާއެކު ސްކޫލުގެ ބަހެއް ނެތި މިނިސްޓްރީން ސްކޫލްގެ ބައެއް ވަޒީފާތަކަށް މީހުން ހަމަޖައްސަމުން ދާކަން ވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އޭއީސީއަށް ކުލާސް ރޫމްގެ ދަތިކަން ދިމާވެފައިވާތީ އެކަންވެސް މިއަދުވަނީ ހިއްސާ ކުރައްވާފައެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އެ ސްކޫލްގެ ބާ ހޯލުގައި ޕާޓިޝަން ޖަހައިގެން ބޭނުން ކުރުމަށް ލަފާ ދެއްވި ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ޕާޓީޝަން ޖެހުމަށް ބަޖެޓު ލިބޭނެ ކަމެއްވެސް ނޭނގޭ ކަމަށާއި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޯލުގެ މަސައްކަތް ނިމޭނެ ދުވަހެއްވެސް ނޭނގޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ މިހާރު އެ ސްކޫލުގައި ހުރި ބާ ހޯލު އެގޮތަށް ބޭނުން ކޮށްފިނަމަ އިތުރު ބައްދަލުވުމެއް ބާއްވާނެ ތަންކޮޅެއްވެސް ނޯންނާނެ ކަމަށެވެ.
ޒިޔާދު އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މިނިސްޓްރީއާ ކުރެވުނު ބައްދަލުވުމުގައި ސްޓާފު ރޫމްގައި އިތުރުން ފާހާނާއެއް ހެދުމަށް ހުށަހަޅާފައި ވާނެކަން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
ހދ އޭއީސީ އަކީ އަތޮޅުތެރޭގައި ސަރުކާރުން އެޅި އެންމެ ފުރަތަމަ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެއް ސްކޫލެވެ.