twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް އެއް ޖަމާއަތެއްގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަނީ

Oct 9, 2013

ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް ހުސްބިމެއްގައި އެއް ޖަމާއަތެއްގައި އީދު ނަމާދު ކުރުމަށްޓަކައި ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަން ކުރުމުގައި އިސްކޮށް އުޅޭ ޒުވާނެއް ކަމަށްވާ ހުސައިން އަލީ މިނޫހަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގޮތަށް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހުގެ އީދު ނަމާދު އެއް ޖަމާއަތެއްގައި ކުރުމަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މިހާރު ހަމަޖައްސާފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތެއް ކަމަށްވާ ހުސައިން އަލީ ވިދާޅުވި އެވެ. ޒޯން ސްޓޭޑިއަމް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީގެ ކުލަބު ޖަމާއަތްތަކާއި މަޝްވަރާކުރުމަށްފަހު ގިނަ ފަރާތްތަކުން އިއްތިފާގުވެފައިވަނީ އެތަން ކަމަށްވާތީ ކަމަށާއި އެތަނުގެ އިންތިޒާމުތަކަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިން ޒިގްޒެގް ބޯޅަދަނޑު ހަމަޖެހިފައި އޮތް ނަމަވެސް ވަދެނުކުމެ އުޅުމުގައި ދިމާވެދާނެ ދަތިތަކަށް ވިސްނާ ނަމާދުކުރާ ސަރަހައްދު ބަދަލުކުރީ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ސްޓޭޑިއަމުގައި އެއް ޖަމާއަތެއްގައި އީދު ނަމާދުކުރުމަށް ކައުންސިލުގެ ހުއްދަ ލިބިފައިވާ ކަމަށާއި ކުދި މިސްތަކުގައި އީދު ނަމާދު ނުކޮށް ހަމައެކަނި ސްޓޭޑިއަމްއާއި ހުކުރު މިސްކިތުގައި އެދުވަހު ނަމާދު ކުރާގޮތަށް ހަމަޖެއްސުމަށް ކައުންސިލާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެދުވަހުގެ މި ޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކުރުމަށް ކުޅުދުއްފުށީގެ ޢިލްމުވެރި ދަރިއެއް ކަމަށްވާ ނޫރުއްސަލާމު ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަންވެސް މިއަދު ޔަގީންވާނެކަން ހުސައިން ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގެ މުޅި އާބާދީއަށް އަމާޒުކޮށް ސްޓޭޑިއަމްގައި ނަމާދުކުރުމަށް ތައްޔާރުވާއިރު ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ކުލަބު ޖަމާއަތްތަކާއި ކޮމިޓީތަކުން އެއްބާރުލުން ލިބެމުން ދާކަމަށާއި ބިންމަތީގައި ސަތަރި ފެތުރުމަށާއި އެހެނިހެން ބޭނުންތަކަށް އިތުރަށް ފަންޑު ބޭނުންވާ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ. މިގޮތުން ފަންޑު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 9751115 / 7947133 ފޯނާ ގުޅައިގެން އެކަން ހަމަޖެއްސުމަށްވެސް އީދު ނަމާދުގެ ކަންކަން އިންތިޒާމުކުރާ ފަރާތުން އެދި ލައްވައެވެ.

މި އަހަރުގެ އަޟްހާއީދު ނަމާދު ޖަމާއަތުގައި ކުރުމަށްފަހު އެއްބައިވަންތަކަމާއެކު އިސްލާމީ ރިވެތި އުސޫލުން އީދު ސަލާމް ކުރުމުގެ ކަންތައްވެސް ކުރިއަށް ގެންދިޔުމަށް މިކަން އިންތިޒާމުކުރާ ފަރާތުން އެދިލައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355