ވޯޓް ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ސެޕްޓެމްބަރ 7 ގައި ވޯޓު ލީ ތަން ފިޔަވައި އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް ދީފައިވާ ސުންގަނޑި މިރޭ 12 ޖަހާއިރަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ކުޅުދުއްފުއްޓަށް ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓްގެ އޮފިޝަލް އަލީ އިބްރާހިމް ވިދާޅުވީ މިއަދު ނުވައަކުން މިރޭ ބާރަ ޖެހުމާ ހަމައަށް ރަޖިސްޓްރީގެ ކަންކަން ރަށު ކައުންސިލް އިދާރާގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ރަޖިސްޓަރީ ބަދަލު ކުރުމަށް ދޫކުރާ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ އިބްރާހިމް އިތުރަށް ވިދާޅުވީ މިފަހަރު އިލެކްޝަން ކޮމިޝަނުން ގެޒެޓް ކުރި ލިސްޓް ކައުންސިލަށް ނުލިބޭ ކަމަށާއި ކުރިއާ ހިލާފަށް މިފަހަރު އެ ކޮމިޝަނާއި ގުޅުމުގެ ކަންކަން ވަރަށް އުނދަގޫ ކަމަށެވެ.
ވޯޓްލާ މީހުންގެ ލިސްޓް ކައުންސިލަށް ލިބިފައިނުވާތީ ލިސްޓް ޗެކްކުރުން ކައުންސިލުން ނުކުރެވުނަސް އެސްއެސްއެމްގެ ޒަރީއާއިން ރަޖިސްޓްރީ ޗެކް ކުރެވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 20 ގެ ކުރިން ބޭއްވުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 19 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަނުން ބުނީ އިންތިހާބުގެ ކަންތައްތައް ކުރުމަށް ލިބެނީ ގާތްގަނޑަަކަށް 11 ދުވަސް ކަމަށް ވެފައި މި ފަހަރު ކުރިން ދެވުނު މުއްދަތެއް އެއްވެސް ކަމެއްގައި ދެވެން ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކޮށްފައިވަނީ ޖުމުހޫރީ ގުޅުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި އެވެ.