ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ކަރުދާސް ޕްރިންޓްކުރި މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެކޯޓުން ކަނޑައެޅީ ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެ މައްސަލަ ވެސް ފުރަތަމަ ހުށަހަޅަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް ބުނެފައިވާތީ އެވެ.
މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހދ ކުޅުދުއްފުށީ މާވިނަ، އަހުމަދު އާތިފްގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރި ވޯޓުކަރުދާހާ އެއްގޮތަށް ނަމޫނާ ވޯޓު ކަރުދާސްތަކެއް ޕްރިންޓްކޮށް ލެމިނޭޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ވޯޓު ކަރުދާސް ހުންނާނެގޮތް އިޝްތިހާރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އިންތިހާބާގުޅޭ ޖިނާއީ މައްސަލަތައް ބަލާ ފުރަތަމަ މަރުހަލާގެ ކޯޓަކީ ހައިކޯޓުކަމަށް އޮތުމުން އިސްތިއުނާފު ކުރުމުގެ ހައްގު ދައުވާ ލިބޭ ފަރާތަށް ގެއްލޭ ކަމަށެވެ. އެހެނިހެން ޖިނާއީ މައްސަލަތަކުގައި މައްސަލަ ބަލާ ފުރަތަމަ ކޯޓަކީ ކްރިމިނަލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުތަކަށް ވުމުން ދައުވާ ލިބޭ ފަރާތަށް އެ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮވެއެވެ.
ބެލެވޭ ގޮތުގައި މި މައްސަލަ ޕީޖީ އޮފީހުން ދެން ހުށަހަޅާނީ ކްރިމިނަލް ކޯޓަށެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އަދި އެއްވެސް ވާހަކައެއް މީޑިޔާއަށް ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލާގައި ކުރިން ދައުލަތުން ދައުވާ އުފުލާފައިވާ ކުޅުދުއްފުށި ބެނިސަން އަހުމަދު އަބްދުއްރަހީމްގެ ނަން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.