ބަނޑުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާގެ އެހީއަށް ބޭނުންވެފައިވާ ކުޅުދުއްފުށީ އަލިހާ، ހަސަން މޫސާ (ވަޑި ހަސަންބެ) ގެ އޮޕަރޭޝަނަށް ފައިސާ ހޯދުމަށާއި އަލްހާ އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ފުޓުބޯޅަ މެޗެއް ކުޅެފި އެވެ.
ކުޅުދުއްފުށީ ކޮރަލްސް ދަނޑުން އިންތިޒާމު ކުރި މިމެޗު ކުޅެވުން އިރު އެސަރަހައްދުގައި ފަންޑު ފޮއްޓެއް ބަހައްޓައިގެން ވަނީ 5160 ރުފިޔާ ހޯދާފައެވެ. އަދި މިފައިސާ ހަސަންބެގެ އާއިލާއަށް ހަވާލު ކުރެވޭނެ ކަމަށް މިމެޗު އިންތިޒާމު ކުރިފަރާތުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީ އަލިހާ ހަސަން މޫސާ އަކީ ބަނޑުގައި ހިލަ އުފެދުމުގެ ސަބަބުން ދާދިފަހުން އޮޕަރޭޝަނެއް ކުރި މީހެކެވެ. ނަމަވެސް އެއޮޕަރޭޝަނަށް ފަހު ބަނޑުގައި ފެންހެދިފައި ވާތީ އިތުރު އޮޕަރޭޝަނެއް މިހާރު ވަނީ ކުރަންޖެހިފަ އެވެ.
މިއަދު ކޮރަލްސް ދަނޑުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ކުޅުނު ފުޓުބޯޅަ މެޗުގައި ބައްދަލުކުރީ އެދަނޑަށް ފުޓުބޯޅަ ކުޅެންދާ ޒުވާނުންގެ ތެރެއިން މީހުންނާ އިނދެގެން އުޅޭމީހުންނާއި މީހުންނާ ނީނދެ ތިބި ޒުވާނުންނެވެ. މިމެޗު 2-1 އިން ކާމިޔާބު ކުރީ މީހުންނާ އިނދެގެން އުޅޭ މީހުންގެ ޓީމެވެ.
ކުޅުދުއްފުށީގައި އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ ބައެއް ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންގޮސްފަ އެވެ.