މިއަދު ބާއްވަން އޮތް ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ނުދޭން ނިންމީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާތީ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ހެނދުނު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނެވެ. ފުލުހުންގެ ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އިންތިހާބުގެ ކަންތައްތަކުގައި ފުލުހުން ވަކި ސްޓޭންޑެއް ނަގާފައިވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑުލައިނުގައިވާ 16 ކަމެއް ފުރިހަމަކޮށް އެއާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކަށް އަންގާފައިވާއިރު އެކަންކަން ފުރިހަމަ ނުކޮށް ބާއްވާ އިންތިހާބަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑުލައިނުގެ 5 ވަނަ ޕޮއިންޓްގައި ބުނެފައިވާ ގޮތަށް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުތަކުގައި ހުރިހާ ކެނޑިޑޭޓުން ސޮއިކުރަން އަންގާފައިވާއިރު އެ ލިސްޓުގައި މިހާތަނަށް ސޮއި ކޮށްފައިވަނީ އެމްޑީޕީން އެކަންޏެވެ. އަނެއް ދެ ޕާޓީން ބުނަމުންދަނީ ވޯޓާރސް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން އެ ލިސްޓުތަކުގައި ސޮއި ނުކުރާނެ ކަމަށެވެ.
އިންތިހާބުގެ ކަންކަމަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތައް ފޮލޯ ނުކޮށް އިންތިހާބު ކުރިއަށް ގެންގޮސްފިނަމަ ގައުމުގައި ދިމާވެދާނެ ހަލަބޮލިކަމާއި ނުރައްކާތެރި ހާލަތަކާމެދު ފުލުހުން ވިސްނާފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެގޮތަށް ފުލުހުން ނިންމީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ރައީސުލްޖުމުހޫރިއްޔާގެ އިތުރުން ހޯމް މިނިސްޓްރީއާ ބަންޑާރަ ނައިބާ މަޝްވަރާ ކޮށްފައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް ފުލުހުން ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި ފުލުހުން ބަލަނީ ހަމައެކަނި ވަކި ކެނޑިޑޭޓެއްގެ މަސްލަހަތަށް ނޫން ކަމަށެވެ. އަދި ފުލުހުން އިލެކްޝަންގެ އެއްވެސް މަސައްކަތަކަށް ދަތިކޮށްފައި ނުވާނެ ކަމަށާއި ފުލުހުން މި ދައްކަނީ ފުލުހުންގެ މެންޑޭޓުގައިވާ ސެކިއުރިޓީ ނުބެލެހެއްޓޭނެ ކަމުގެ ވާހަކަ ކަމަށް ނަވާޒު ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފައިވަނީ ފުލުހުން ހުރަސް އެޅުމުގެ ސަބަބުން މިއަދު ބާއްވަން އޮތް އިންތިހާބު ކެންސަލް ކޮށްފައިވާ ކަމަށާއި އެގޮތުން ރޭ ފަތިހު އިލެކްޝަންސް ކޮމިޝަނުން ލިޔެ ކިޔުންތަކާއި އެހެނިހެން ތަކެތި ނެރުމަށް ފުލުހުން ހުއްދަދީފައި ނުވާ ކަމަށެވެ.
މިއަދު ބާއްވަން އޮތް އިންތިހާބު ކެންސަލްކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ނޫސްތަކުން އެ ހަބަރުތައް އަންނަނީ ގެނެސްދެމުންނެވެ. އަދި އިންތިހާބު ކެންސަލްކުރުމާ ގުޅިގެން އެކި ޖަމިއްޔާތަކުންނާ ބޭރު ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.