twitterviber whatsapp telegramfacebookyoutube instagram
13th May 2025

އިންތިހާބުގެ ކަންކަން ހުއްޓުވާފައިވަނީ ފުލުހުންގެ މެންޑޭޓުގެ ބޭރުން: ހިއުމަންރައިޓްސް ކޮމިޝަން

Oct 19, 2013

މިއަދު ބާއްވަން އޮތް ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވާފައިވަނީ ފުލުހުންގެ މެންޑޭޓުގެ ބޭރުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު މެންދުރު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވީ އިންތިހާބު ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރޭތޯ ބަލާ ގޮތެއް ނިންމުމުގެ ބާރެއް ފުލުހުންނަށް ލިބިގެން ނުވާ ކަމަށާއި އެ ބާރު ސުޕްރީމް ކޯޓުން ފުލުހުންނަށް ދީފައި ނެތް ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ދެ މެމްބަރުން ތިއްބެވި މި ޕުރޮގްރާމުގައި އެ ކޮމިޝަނުން ބުނީ ކޯޓު އަމުރެއް ނެތި ފުލުހުންނަށް އިންތިހާބުގެ ކަންކަން ހުއްޓުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ފުލުހުން ވެސް އަމަލުކުރަން ޖެހޭނީ ފުލުހުންނަށް ލިބިފައިވާ އިމުގެ ތެރޭގައި ކަމަށާއި އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ވެފައި އެ މުއައްސަސާގެ މަސައްކަތަށް އެގޮތަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ހިތްހަމަ ނުޖެހުންތަކެއް ހުރިނަމަވެސް ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދޭން ޖެހޭ ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށެވެ.

މިއަދު ބާއްވަން އޮތް އިންތިހާބު ކެންސަލް ކޮށްފައިވަނީ ފުލުހުން އެކަމަށް ހުރަސް އެޅުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ފުލުހުންގެ އެއްބާރުލުން ދިނުން ހުއްޓާލީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ ހިލާފަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާތީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355