ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕުރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކެންސަލު ކުރުމުން ޓުރާންސްޕޭރެންސީ މޯލްޑިވުސްއިން ކަންބޮޑުވުން ފާޅުކޮށް ނޮވެމްބަރު މަހުގެ 11 ގެ ކުރިން ރައީސަކު އައްޔަނު ކުރުމަށް ގޮވައިލައިފި އެވެ.
ޤާނޫނީ ގޮތުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހް ފަހަނައަޅައި ގޮސްފައި ވާއިރު، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ރައީސަކު އިންތިހާބު ކުރުމަށްޓަކައި މިހާރުން މިހާރަށް ތާރީހެއް ކަނޑައަޅަންޖެހޭކަމަށް ޓުރާންސްޕޭރެންސީ މޯލްޑިވުސްއިން ހާމަކުރެ އެވެ.
ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން މިނިވަން މުއައްސަސާތަކަށް ލިބިދޭ ހައްގުތަކުގެ ދަށުން އިލެކްޝަން ކަމިޝަނަށްވެސް ވަނީ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރުމުގެ ފުރުސަތު ލިއްބައިދީފާކަން ފާހަގަ ކުރައްވަމުން ޓުރާންސްޕޭރެންސީ މޯލްޑިވުސްއިން ބުނީ ހުރިހާ ފަރާތްތަކުންވެސް އިލެކްޝަން ކަމިޝަނަށް ލިއްބައިދޭ ހައްގުތަކަށް އިހުތިރާމުކޮށް އެބޭފުޅުންނަށް އަމާންކަމާއެކު އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދިނުމަށް ހުރިހާ މުއައްސަސާތަކަށް ވެސް ގޮވާލައްވާ ކަމަށެވެ.
ޓުރާންސްޕޭރެންސީ މޯލްޑިވުސްގެ ވާހަކައިގައި ސެޕްޓެމަބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި ނަތީޖާ ބަދަލު ވާވަރުގެ ކަންތައްތަކެއް ނެތްކަން ފާހަގަ ކުރައްވަމުން ރައްޔިތުން ބޭނުންވާ ވެރިއަކު ހޮވުމުގެ ހައްގު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާތީ އެ ހައްގު ނިގުޅައި ނުގަތުމަށް އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގެ އަމާންކަން ދަމަހައްޓައި ޑިމޮކުރެޓިކް ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ހުރިހާ ސީޔާސީ ޕާޓީތަކެއް ޝާމިލުވާ ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭކަމަށް ޓުރާންސްޕޭރެންސީ މޯލްޑިވުސްއިން ބުނެއެވެ.