ޖުމްހޫރީ ޕާޓީގެ ފަރާތުން ކުޅުދުއްފުށީ ބަނދަރުމަތީގައި ނަގާފައި ހުރި ބޮޑު ދިދަ ބަޔަކު ވައްޓާލައިފި އެވެ.
ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ހުސެއިން ބުނީ މި ދިދައިގެ ބުޑުގެ ދެބައިކުޅަ އެއްބައި ބަޔަކު ވަނީ ރޭގެ ވަގުތެއްގައި ދުނި ކީހަކުން ކީހާލާފަ ކަމަށާއި ދިދަ ވެއްޓިފައިވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ.
ފަސް ހާސް ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ދިދަ ބަހައްޓާފައިވާނީ ކައުންސިލު އިދާރާގެ ހުއްދަވެސް ލިބިގެން ކަމަށާއި މިކަމުގައި އަދި އެއްވެސް ބަޔަކަށް ތުހުމަތު ނުކުރާކަމަށް އަލީ ހުސުއިން ބުންޏެވެ.
16.5 ފޫޓް، 11.5 ފޫޓް ހުރި މި ދިދައިގެ ދިދަ ދަނޑީގެ ދިގުމިނުގައި 48 ފޫޓް ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޖުމުހޫރީ ޕާޓީގެ ފަރާތުން މާލިހާމަގު ހޮޅުއަށި ކައިރީގައި ޕްރޮޖެކްޓަރ އެޅުވުމަށްޓަކައި ބަހައްޓާފައިހުރި ސަތަރި ގަނޑަކަށްވެސް ހުކުރު ދުވަހުގެ ރޭ ބަޔަކު ވަނީ ގެއްލުންދީ ހަލާކު ކޮށްފައެވެ.
އަލީ ހުސެއިން ބުނީ 16 ފޫޓް، 16ފޫޓްގެ މި ސަތަރި ގަނޑަކީ ކުއްޔަށް ނަގާފައިވާ ސަތަރިއެއް ކަމަށާއި ކުއްޔަށް ދޫކުރި ފަރާތުން ބަދަލު ދިނުމަށް މިހާރު އެދިފައިވާ ކަމަށެވެ.
އެ ޕާޓީގެ ފަރާތުން މިމައްސަލަ ތަހުގީގު ކޮށްދިނުމަށްއެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އަލީ ހުސައިން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު ޕާޓީތަކުގެ މުދަލަށް ގެއްލުންދޭ މައްސަލަތައް ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.