ކުރިނބީގައި ވާދަވެރިކަން އެންމެ ބޮޑު ދެޕާޓީއިން ކެމްޕޭނު ކުރުމަށް ބޭނުންކުރާ ތަކެއްޗަށް ގެއްލުންދީފި އެވެ.
މިގޮތުން ކުރިނބީގައި އެންމެ ވާދަވެރި ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީޕީއެމުން ރަށުގެ އަމީނީ މަގުގައި އެއްކޮޅުން އަނެއް ކޮޅަށް ދަމާފައިވާ ހުރިހާ ދިދައަކާއި ބެނާ ތަކެއް ވަނީ ބިމާ ހަމަކޮށްލާފަ އެވެ. މީގެ އިތުރުން ޕީ.ޕީ.އެމް އިން ބަނދަރުގައި ދިދަފަތިތައް ދަމަން ޖަހާފައިހުރި ދަގަނޑު ހޮޅިއެއް އުފުރާލާ ޕީޕީއެމްގެ ޖަގަހަ ހުންނަ އިރުދޭމާގެއަށް ކަރަންޓު ލުމަށް މަތިން ދަމާފައިވާ ކަރަންޓް ކޭބަލްވެސް ވަނީ ބުރިކޮށްލައި އެގެއިން ކަރަންޓް ކަނޑާލާފަ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުރިނބީ ޕީޕީއެމް އަޒުމްގޮފީގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެމްޑީޕީއިން ޕީޕީއެމްގެ ދިދަފަތިތައް ކަނޑާލުމުންވެސް އެޕާޓީއިން އެއްވެސް ރައްދެއް ދީފައިނުވާ ކަމަށާއި އެހެން ނަމަވެސް ރޭވެސް އެމްޑީޕީއިން ޕީޕީއެމްގެ ދިދައާއި ބެނާތަކަށް ގެއްލުންދޭން ފެށުމުން ޕީޕީއެމްއިން ރައްދުގައި އެމްޑީޕީގެ ކެމްޕޭނު ތަކެއްޗަށް ގެއްލުންދީފައިވާއިރު މިކަން އެނގުނީ ދިދަތައް ކަނޑައިގެން ގޮސް ބިމާ ހަމަވި ފަހުން ކަމަށެވެ. ކުރިނބީއަކީ ހދ އަތޮޅުގައިވެސް ސިޔާސީ ހަރަކާތްތައް ގިނަ ރަށެއްކަން ފާހަގަކުރައްވަމުން އަފްރާހު ވިދާޅުވީ މިކަމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިކަމުން ދެފަރާތަށްވެސް ގެއްލުންލިބިފައިވާ ކަމަށެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ބޮޑެތި ގެއްލުންތަކެއް ދެ ޕާޓީގެ ކެމްޕެއިން ތަކެއްޗަށް ދީފައި މިވަނީ އެކި ވަރުގެ ކުދި ގެއްލުންތައް އެހެން ޕާޓީތަކުގެ ބެނާ ތަކަށާއި ދިދަ ތަކަށް ދެމުން ދާތާ ދުވަސް ކޮޅަކަށް ފަހުއެވެ. މިގޮތުން މީގެ ކުޑަދުވަސްކޮޅެއް ކުރިން ރަށުގެ މަގުތަކުގައި ދެ ޕާޓީން ދަމާފައިވާ ބެނާ ތަކަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.