ށ. ނަރުދޫގައި ހުރި ސަރުކާރުގެ އިމާރާތްތަކަށް ކަޅުތެޔޮ ޖަހައިފި އެވެ.
ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަރީފް ވިދާޅުވީ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ކަޅުތެޔޮ ޖަހަން ފެށިތާ ދެތިން ރޭ ވެފައިވާ ކަމަށާއި ފުރަތަމަ ރޭ ކަޅުތެޔޮ ޖަހާފައިވަނީ ކައުންސިލް އިމާރާތުގެ ތެރޭގައި ހަދަމުންދާ ކޯޓުގެ އައު އިމާރާތަށް ކަމަށެވެ.
އޭގެ ފަހުން ޖެހިގެން އައި ރޭ ސްކޫލު މައި ދޮރު ހިމެނޭގޮތަށް ހަތަރު ތަނަކަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި ރޭ ތެޔޮޖަހާފައިވަނީ ސިއްހީ މަރުކަޒަށް ކަމަށްވެސް އަރީފް ވިދާޅުވި އެވެ. ސިއްހީ މަރުކަޒަކީ ހޯލު ފާރު ނީންނަ ތަނެއްކަން ފާހަގަކުރައްވަމުން އަރީފް ވިދާޅުވީ ސިއްހީ މަރުކަޒު މިއަދު ހުޅުވާފައިވަނީ ފުލުހުންގެ ބޭކަލުންގެ ހާޒިރުގައި ކަމަށެވެ. އަދި ތެޔޮޖަހާފައިވާ ތަންތަނަށް ބަލައި މިއީ ސިޔާސީ ކަމެއް ކަމެއް ނުވަތަ އެހެން ކަމެއް ކަމެއް ނުބެލެވޭ ކަމަށާއި މިކަން ކޮށްފައިވަނީ ކޮންބައެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ.
“އަޅުގަނޑަށް ހަމަކުޑަކޮށްވެސް ދަންނަވާކަށް ނެނގޭ މީ ކޮންބައެއްގެ އަމަލެއް ކަމެއް. ސިއްހީ މަރުކަޒުގަވެސް، ސްކޫލުގަވެސް ތިބެނީ ސިޔާސީ މީހުން. މިއީ ސިޔާސީ ނުވަތަ ޒާތީ ކަމެކަށްވެސް ވެދާނެ.” އަރީފް ވިދާޅުވި އެވެ.
އަރީފް އިތުރަށް ވިދާޅުވީ މިމައްސަލަ ފުލުހުން ބަލަންފަށާފައިވާ ކަމަށާއި މިގޮތުން އެކި ފަރާތްތަކުން ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ.