އަފީފުއްދީން ސްކޫލުގެ ވޭތުވެދިޔަ އަހަރު ގުރޭޑް 7 ގެ އެންމެ މޮޅު ދިހަ ދަރިވަރުން ހޮވައިފި އެވެ.
އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު ފާހަގަ ކުރެވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު އެސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ގުރޭޑް 7 ގެ އެންމެ ޝަރަފްވެރި ދިހަ އިނާމު ހޯދާފައިވަނީ ކުޅުދުއްފުށީ ސަރާސަރު، އިބުރާހިމް އަބުދުއްސައްތާރާއި ރަޝިޔާ، ރުހުސަތު އަހުމަދާއި ބިޗާނާ، އުމާމާ އަހުމަދާއި ނަޔާގެ އަތޫފް މުހައްމަދުގެ އިތުރުން ކުލުނު، އިސްމާއިލް މާއިޝް އާއި ލަޔާލު، އާމިނަތު ފަޒްލީން މުހައްމަދާއި ވިލުދޮޅި، މުހައްމަދު ނާޒިމާއި ޒިންދާ، އަލީ ނައީމް އާދަމް އަދި ހދ ފިނޭ ސޯމާ، އަޒްމީނާ މުހައްމަދާއި އެރަށު ޝާހް، ހައިދަރު ރަޝީދެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ތައުލީމީ ގޮތުން އެންމެ މޮޅު ލިޓިލް މެއިޑަކަށް ހޮވިފައިވަނީ ރައުޝާ އާދަމެވެ. އަދި ތައުލީމީ ގޮތުން އެންމެ މޮޅު ކަބްސް ކައުޓަކަށް މުހައްމަދު ސާމީ މުސާ ހޮވިފައިވާ އިރު ތައުލީމީ ގޮތުން އެންމެ މޮޅު ސްކައުޓަކަށް ހޮވިފައިވަނީ މުހައްމަދު އަރުޝަމެވެ. އަދި ތައުލީމީ ގޮތުން އެންމެ މޮޅު ގާރލްގައިޑަކަށް ހޮވިފައިވަނީ މަޒީނާ މުހައްމަދެވެ.
އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ފާހަގަ ކޮށްލެވޭ ލިޓިލް މެއިޑަކަށް ރަޢުޝާ އާދަމް ހޯދާފައިވާ އިރު ހުރިހާ ގޮތަކުން އެންމެ ފާހަގަ ކޮށްލެވޭ ކަބްސްކައުޓްގެ މަގާމު ހޯދާފައިވަނީ މުހައްމަދު ސާމީ މުސާ އެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް އިބުރާހިމް އަހުމަދު ހޯދާފައިވާ އިރު ހުރިހާ ގޮތަކުން އެންމެ މޮޅު ގާރލް ގާއިޑްގެ މަގާމު ހޯދާފައިވަނީ އާއިސަތު ޝިފާ ހުސެއިންނެވެ.
އިނާމު ދިނުމުގެ މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޝަފީޢު ވިދާޅުވީ ސްކޫލުގެ އެންމެ ބޮޑު ރައުސުލްމާލަކީ އެސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ކަމަށާއި މީގެން އެއްވެސް ބައެއް އުނިވެއްޖެ ނަމަ ސްކޫލް، ސްކޫލެއްގެ ގޮތުގައި ކުރިއަށް ނުދާނެކަމަށެވެ. އަދި މުޖުތަމައުގެ އެންމެ ބޮޑު މުހިއްމު މަގުސަދަކަށް ވާން ޖެހޭނީ ސްކޫލުން ނިކުމެގެންދާ ދަރިވަރުނަކީ ދެދުނިޔޭގެ ބާޖެވެރިކަން ހޯދޭނެ ކުދިން ތަކަކަށް ހެދުން ކަމަށް ޝަފީއު ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު ގުރޭޑް ނުވަ އަކުން އެންމެ ގިނަ އިނާމް ހާސިލް ކޮށްފައިވަނީ މުހައްމަދު އަރުޝަމް އަބުދުއްރަޝީދެވެ. އޭނާ ވަނީ ދިވެހި، ހިސާބު، ބަޔޮލޮގީ، ކެމިސްޓްރީ، ކޮމްޕިއުޓަރ ސްޓަޑީޒް އަދި ފިޒިކްސް އިން މުޅި އަހަރު ގެ ނަތީޖާ 75 އަށް ވުރެ މަތިން މާކްސް ހޯދާފައެވެ.
އަފީފުއްދީން ސްކޫލުގެ ވޭރުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ހައުސް އަކަށް ހޮވިފައިވަނީ ޢާޒީ ހައުސެވެ. އަދި ކިޔެވުމުން އެންމެ މޮޅު ހައުސް ފަރީދީ ހައުސް ހޮވުނު އިރު އިތުރު ހަރަކާތަކުން އެންމެ މޮޅު ހައުސް އަކަށް ހޮވިފައިވަނީ ވެސް ޢާޒީ ހައުސެވެ.
އަފީފުއްދީން ސްކޫލުގައި މިއަހަރު ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނު ހަދާނެ އެވެ.