އީދު ބަންދަށް މެދުކަނޑާލުމަށްފަހު ކުޅުދުއްފުށީ ބަންޑާރަމަގު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީގެ) މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ އީދު ބަންދަށްފަހު ބަންޑާރަ މަގުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން މަގުހެދުމަށް ބޭނުންވާނެ މެޝިނަރީ އާއި ލަންކާގެ އެކްސްޕާޓުން އަންނަ ނޮވެމްބަރު މަހުގެ 15 ގެ ކުރިން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ނަޒީމް ވިދާޅުވި އެވެ.
ބަންޑާރަމަގުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންހުރި ކަންތައްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކާނުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި އެކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް ނަޒީމް ވިދާޅުވި އެވެ. ކާނުތައް ހެދުމަށް ބޭނުންވާ ތައްގަނޑުތައް ކުޅުދުއްފުށީގައި ނެތުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްދަނީ މާލޭގައިކަން ފާހަގަ ކުރައްވަމުން ނަޒީމް ވިދާޅުވީ މަގުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.
ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ އަމީނީ މަގުގެ އުތުރުކޮޅޮގެ ތާރު ނާޅާ ހިސާބުގައި ނަރުދަމާ އާއި ފެންހޮޅިތައް ގާއިމު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ނަޒީމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަމީނީމަގުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ބަންޑާރަމަގުގެ މަސައްކަތެވެ. އެ ދެ މަގުގެ އިތުރުންވެސް އިތުރު މަގުތަކެއް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.