ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ ބަހުސަކީ 1932 ވަނަ އަހަރު އެމެރިކާގައިވެސް ކުރި ފަދަ ބަހުސެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ނޮވެމްބަރ 11 ގެ ފަހުން އިންތިހާބުކުރެވޭ ރައީސަކު ނެތްނަމަ އަމަލުކުރާނެ ގޮތަކާމެދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ ބަހުސްގެ މަރުހަލާގައެވެ.
ނަޝީދު ވިދާޅުވީ އެމެރިކާގައިވެސް 1932 ގައި އެމެރިކާގައި ކުރީ ރައީސަކަށް އިންތިހާބު ކޮށްފަ ހުންނަ މީހަކު މަރުވެއްޖެނަމަ ނުވަތަ ޝަރުތުހަމަނުވާކަމަށް ކަނޑައަޅައިފިނަމަ ނުވަތަ ދައުރު ހަމަވާން ވާއިރަށް ރައީސް މުންތަޚަބަކު ނުދެއްކިޖެނަމަ އަމަލުކުރާނެ ގޮތަކާމެދުގައި ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އެމެރިކާގެ ގާނޫނުއަސާސީއަށް ގެނެވުނު 20 ވަނަ އިސްލާހެވެ.
ނަޝީދު ވިދާޅުވީ އެމެރިކާގައި ވެސް ގާނޫނުއަސާސީއަށް އިސްލާހުގެނެސްގެން އެކަން ކޮށްފައިވަނީ ޝަރީއަތް މެދުވެރިކޮށް އެކަން ނުކުރެވޭނެ ކަމަށް އެމީހުން ގަބޫލުކުރާތީ ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ވެސް ދިމާވެފައިވަނީ ކޮންމެވެސް ސަބަބަކާ ހުރެ އިންތިހާބުކުރެވިފައިވާ ރައީސެއް ނޮވެމްބަރ 11 ގެ ކުރިން ނުދެއްކިގެން ކަމަށާއި މިއީ އެހެން ގައުމުތަކުގައި ވެސް މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ކަމެއްކަމަށެވެ.
މިއަދު ކުރިއަށްދިޔަ ބަހުސްގައި ނަޝީދު ވިދާޅުވީ މި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށާއި މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެއްބަސްވާނަމަ އެއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވެގެން މިއުޅެނީ ވެރިކަމުގެ އެއް ދައުރު ނިމި އަނެއް ދައުރު ފެށޭ ވަގުތާމެދު ހިނގާ މަދު ވަގުތުކޮޅުގައި ކަންކުރާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވެ އެ ކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުން ބައިވެރިވުން އޮންނަ ހައްލެއް ހޯދައިގެން ކަމަށް ވިދާޅުވި އެވެ. އެފަދަ ހައްލެއް ގެނެވެން އޮތީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެސްގެން ކަމަށާއި ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ޖުޑީޝަލް ކައުންސިލް އުވާލުމަށް ނެރުނު ރޫލިންގައި އެ ކޯޓުގެ ރޫލިންއަކާ ހިލާފަށް ގާނޫނެއް ވެސް ނުހެދޭނެ ކަމަށް ބުނެފައިވުމުން، މި މައްސަލައިގައި ގާނޫނެއް ފާސްކުރިޔަސް އެކަން ބާޠިލު ވުމުގެ ފުރުޞަތު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީއާއި ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން ތާއީދުކޮށް ވާހަކަ ދައްކަވާފައި ވެއެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ އިންތިހާބު ކުރެވޭ ރައީސަކު ނޮވެމްބަރ 11 އަށް ނެތްނަމަ މަޖިލީހުގެ ރައީސަށް ވެރިކަން ހަވާލުކުރުމަށެވެ. މަޖިލީހުގެ ރައީސަކަށް އެކަން ކުރެއްވެން ނެތްނަމަ މަޖިލީހުގެ ނައިބު ރައީސަށް އަދި ނައިބު ރައީސަށް ނުކުރެއްވޭނަމަ މަޖިލީހުގެ މެމްބަރުން ކަނޑައަޅާ މެމްބަރަކަށް ރައީސްގެ މަގާމު ހަވާލުކުރުމަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވެއެވެ.
މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ގިނަ މެމްބަރުން ވިދާޅުވީ މި ކަމުގައި ސުޕްރީމް ކޯޓުން މިހާރުވެސް ގޮތެއް ނިންމަވާފައިވާ ކަމަށާއި އެގޮތުން ނޮވެމްބަރ 11 އަށް އާ ރައީސަކު އިންތިހާބަކު ނުކުރެވިއްޖެނަމަ މިހާރު ހުރި ރައީސަށް އެ މަގާމުގައި ދެމި ހުންނެވޭނެ ކަމަށެވެ. އަދި ދެން އޮތް ގޮތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން އެ މުއްދަތުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުން ކަމަށް ޕީޕީއެމްގެ މެމްބަރުން ވަނީ ވިދާޅުވެފައި އެވެ.