ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒުގެ އިތުބާރުނެތްކަމަށް ފާސްކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބްރައީސް ފާރޫގު މުހައްމަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އޮތް ކައުންސިލް ބައްދަލުވުމަށް ހުށައަޅާފައިވަނީ ކައުންސިލް މެމްބަރު އަލީ އާދަމް ކަމަށާއި އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ ރައީސްގެ ވެސް ވޯޓާއެކު 7 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
މިއަދު ރަމީޒުގެ އިތުބާރު ނެތްކަމަށް ފާސްވުމުން ވަރަށް އަވަހަށް ރައީސަކު އިންތިހާބު ކުރައްވާނެ ކަމަށާއި މިއަދު މިގޮތަށް މައްސަލަ ހުށައަޅާފައިވަނީ ރައީސްގެ މަސްއޫލިއްޔަތު އަދާނުކުރެވި ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާތީ ކަމަށްވެސް ފާރޫގު ވިދާޅުވި އެވެ. އަދި ރަމީޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރިފަހުން އޮފީހަށް ނުކުތީ މިއަދު ކަމަށްވެސް ފާރޫގު ވިދާޅުވި އެވެ. ފާރޫޤު އެހެން ވިދާޅުވިޔަސް ރަމީޒް ވިދާޅުވީ އޭނާ ހުންނެވީ 35 ދުވަހުގެ ޗުއްޓީއެއްގައި ކަމަށެވެ.
މިކަމާ ގުޅިގެން ރަމީޒު ވިދާޅުވީ މި ވޯޓަކީ ސިޔާސީ ވިސްނުމެއްގައި ނަގާފައިވާ ވޯޓެއް ކަމަށާއި އިތުބާރު ނެތްކަމަށް ވޯޓުދިން ޖަލްސާގައި ބައިވެރިވި ނަމަވެސް އެގޮތަށް ވޯޓުދީފައި ނުވާނެ ކަމަށެވެ.
ރަމީޒަކީ އެމްޑީޕީގެ ޓިކެޓެއްގައި ކައުންސިލަށް ވަޑައިގެންނެވި ބޭފުޅެއް ނަމަވެސް ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ފަހު ކޮޅުގަ އެވެ.
ރައީސަކު ހަމަޖެހެންދެން ރައީސްގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ނައިބްރައީސް ފާރޫގު މުހައްމަދެވެ. އިބްރާހިމް ރަމީޒަކީ ކުޅުދުއްފުށީ ކައުންސިލްގެ ދެވަނަ ރައީސެވެ.
(އެޑިޓް ކުރެވިފައި)