ކުޅުދުއްފުށީ ހުންނަ ޖަލާލުއްދީން ސްކޫލުން ހުސްވެފައިވާ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވި އިރު އެއްވެސް ފަރާތަކުން ކުރިމަތި ލައިފައިނުވާ ކަމަށް މިނިސްޓްރީ އޮފް އެޑިކޭޝަނުން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނޮދަން ޒޯނަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕްރިންޓެންޑެންޓް ފަތުހުﷲ މުހައްމަދު މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޖަލާލުއްދީން ސްކޫލުން ހުސްވެފައިވާ ޕްރިންސިޕަލް ގެ މަގާމަށް މުއްދަތު ހަމަވި އިރު އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާ ކަމަށާއި އަދި ވަރަށް އަވަހަށް އަލުން ޕްރިންސިޕަލެއް ހޯދަން އިއުލާނުކުރާނެ ކަމަށެވެ.
ޖަލާލުއްދީން ސްކޫލުގައި ދިގު މުއްދަތަކަށް ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނެވި ސައީދު އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. ސައީދު އިސްތިއުފާ ދެއްވި ފަހުން އެ ސްކޫލު މިހާތަނަން ހިންގަމުން އައިސްފައިވަނީ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޖަލާލުއްދީން ސްކޫލަށް ޕްރިންސިޕަލެއް ހޯދުމަށް އިއުލާން ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ. އަދި ވަޒީފާ އަށް އެދި ހުށައެޅުމަށް ދީފައިވަނީ އެންމެ ދުވަހެއްގެ މުއްދަތެކެވެ.
އުތުރުގެ ސާނަވީ އަދި މަތީ ސަނަވީ ތައުލީމް އެންމެ ގިނަ ކުދިން ހޯދާ އެސްކޫލު، ހިންގުމަށް ޕްރިންސިޕަލެއް ނެތުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ ސްކޫލުގެ ބައެއް ޓީޗަރުން މިނޫހަށް ވަނީ މައުލޫމާތު ދީފައެވެ.