ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އޮފީސް އެންޑް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ އޮފިސަރ އިންޗާޖް އަންވަރު އަލީ ވިދާޅުވީ ޕްރޮޖެކްޓުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން ފައިނަލް ލޮކޭޝަން ކޮންޓްރަކްޓަރާ ހަވާލުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
455 މީހުންގެ ޖާގައިގެ މިހޯލު އިމާރަތް ކުރަނީ 2 ފާހާނާއާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭގޮތަށް ހުންނަ 2 ޗޭންޖިންގ ރޫމާއި ސްޓޯ ރޫމެއް ހިމެނޭ ގޮތަށް ކަމަށްވެސް އަންވަރު ވިދާޅުވި އެވެ. އަދި އިމާރާތް ނިމޭއިރު ހޯލުގައި ވުޟޫ ކުރެވޭ ނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި ނަމާދު ކުރާނެ ކޮޓަރިއެއްވެސް ހުންނާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. މީގެ އިތުރުން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަންވެސް އަންވަރު ފާހަގަ ކުރެއްވި އެވެ.
މިކަމާ ގުޅިގެން ހދ އޭއީސީގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ ހޯލު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސްކޫލުގެ އިރު އުތުރު ކަނުގައި ހުރި ގަހާއި ވިނަތައް ނަގާ އެތަން ސާފު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުން މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށެވެ. މިމަސައްކަތް ކުރާ ފަރާތްތަކުން ތިބޭނެ ތަނުގެ އިން މިހާރު ވަކިކޮށްފައިވާ ކަމަށާއި ސްކޫލާއި ކޮންޓްރެކްޓަރާ ދެމެދު ވާހަކަ ދެކެވި ކަންކަން ރޭވެމުންދާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. އަދި މިމަސައްކަތުގައި ކޮންޓްރެކްޓަރުގެ އެއްބާރުލުން ސްކޫލަށް ވަރަށް ފުރިހަމައަށް ލިބެމުންދާކަން ޒިޔާދު ފާހަގަ ކުރެއްވި އެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ ހޯލުގެ ބީ.އޯ.ކިއު ބަލަމުންދާކަމަށާއި ހޯލު ނިމޭއިރު އެތަނަށް ބޭނުންވާ ގޮނޑިއާއި ފަރުދާ ގެ އިތުރުން ސައުންޑު ހަމަޖެއްސުމުގެ ކަންކަން ބަލަމުންދާކަމަށެވެ.
ޖުމްލަ 6.6 މިލިއަން ރުފިޔާ ހަރަދުވާ މި އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓު އުސޫލުން 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.