ކުރިއަށް އޮތް 2014 ވަނަ އަހަރު ކުޅުދުއްފުށީގައި ޕްރީ ސްކޫލުގެ ތައުލީމު ހޯދަން ބޭނުންވާ ކޮންމެ ދަރިވަރަކަށް އެފުރުސަތު ފަހިކޮށްދޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.
ކައުންސިލް މެމްބަރު އަލީ އާދަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން ޕްރީ ސްކޫލުގެ ތައުލީމުން މަހުރޫމުވާނެ ކުއްޖަކު ނުހުންނާނެ ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. މިގޮތުން ކައުންސިލުގެ ފަރާތުން މިއަހަރުގެ ޖެނުއަރީ މަހު އިރުމަތި އަވަށު ޕްރީ ސްކޫލުގައި އިމާރާތް ކުރަން ފަށާފައިވާ 3 ކުލާސްރޫމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތީ ކުލާސްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތްކަމަށް އަލީ އާދަމް ވިދާޅުވި އެވެ.
މި ކުލާސްރޫމުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ބަޖެޓުގެ ތާށި ކަމުގެ ސަބަބުން ކަމަށާއި މިކަން ކޮށްފައިވަނީ ރަށުގެ މާލިއްޔަތާއި އެކި ކޯޑު ތަކުން ބާކީވާ ފައިސާއިން ކަމަށްވެސް އަލީ އާދަމް ވިދާޅުވިއެވެ. ހުސްވި 2012 ވަނައަހަރުވެސް ޕްރީ ސްކޫލު ތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ މުސާރަ ޖަމާވެފައިވަނީ 2 މަހުގައިކަން އޭނާ ފާހަގަ ކުރިއެވެ. އަލީ ވިދާޅުވީ މިމަސައްކަތް ކުރުމުގައި އައިލެންޑް އެކްސްޕާޓުގެ ދީލަތި އެހީ ވަރަށް ބޮޑަށް ލިބިފައިވާ ކަމަށާއި އެކަމަށް އެފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.
އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ލަފާކުރެވިފައިވާ މި 3 ކްލާސްރޫމުގައި ކިޔަވައިދެއްވާނެ ޓީޗަރުން މިހާރު ނަގާފައިވާނެ ކަމަށާއި އަންނަ އަހަރު މި ކުލާސްރޫމުތަކުގެ ބޭނުން ކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
އައިޕީއެސްގެ އިތުރުން އަމީރު އަމީން ސްކޫލަކީވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލެއްކަން ފާހަގަ ކުރައްވަމުން އަލީ ވިދާޅުވީ އެ ބިމުގައި އިތުރު ކުލާސްރޫމެއް އިމާރާތް ކުރާނެ ޖާގަ ނެތް ކަމަށާއި އެހެން ނަަމަވެސް އެ ސްކޫލުގައި ސްޓާފް ރޫމެއް އެޅުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދެއްވައިގެން އަންނަ އަހަރު ކުރައްވާނެ ކަމަށެވެ.