އާބާދީ ބޮޑު ކުޅުދުއްފުށީގައި އެންމެ އޭޓީއެމްއެއް ހުންނަ ވާހަކަ އާއި އެކަމުން ދިމާވާ ދަތިކަމުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާ ވާހަކައެއް ނޫނެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން އުތުރުގެ ގިނަ ބަޔަކު ބޭނުން ކުރަމަށް އެންމެ އޭޓީއެމް އަކުން ނުފުދޭ ވާހަކަ އަކީވެސް ބާ ވާހަކަ އެވެ. އެހެންކަމުން ކުޅުދުއްފުށީގައި އޭޓީއެމްގެ އިތުރު ބޫތެއް ބަހައްޓަން އުޅޭ ކަމުގެ ވާހަކަ ވެގެން ދިޔައީ ގިނަބައެއްގެ ހިތަށް ފިނިކަން ލިބިގެން ދިޔަ ކަމަކަށެވެ. ނަމަވެސް އަދިވެސް ކުޅުދުއްފުށީގައި ބަހައްޓާ ދެވަނަ އޭޓީއެމް ފެންނަ ވަރެއް ނުވެއެވެ.
އޭޓީއެމްގެ އިތުރު ބޫތެއް ކުޅުދުއްފުށީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ދެފަހަރެއްގެ މަތިން ވަނީ އިއުލާނު ކޮށްފައެވެ. އެންމެ ފަހުން މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައިމ މިކަން ކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށް ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި އިރުވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެފަހަރު ކުރި އިއުލާނު ބާތިލުކޮށް އޭޓީއެމްގެ ބޫތެއް ކުޅުދުއްފުށީގައި އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަންޖެހުމެވެ.
ކުރީ ދެފަހަރުވެސް މިކަން ކުރުމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން 3 ވަނަ ފަހަރަށް އިއްޔެ ބީއެމްއެލް އިން ވަނީ ބޫތު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފަ އެވެ. މިފަހަރު އުފެދޭ ސުވާލަކީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަށް މިކަމަށް ކުރިމަތިލުމުގެފުރުސަތު ހަމަވާއިރު މި އިއުލާނު ބާތިލް ނޮކޮށް ވާނެ ކަމާމެދު ކުރެވޭ ސުވާލެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ކުޅުދުއްފުށީގައި ބީއެމްއެލްގެ ބްރާންޗެއް ހުޅިވިގެން ދިއުމުން ކުޅުދުއްފުއްޓާއި ސަރަހައްދުގެ ގިނަ ބަޔަކަށް އެކަމުގެ ފައިދާ ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އޭޓީއެމް އަށް ބާރުބޮޑުވެ ގިނަ ބަޔަކު ބޭނުންވާ ގޮތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އުތުރު ފަރާތުގައި ހުންނަ އެސްޓީއޯ ބޭސް ފިހާރަ ކައިރީގައި އިތުރު ބޫތެއް ބެހެއްޓުމަށް ބީއެމްއެލް އިން ކުރަންޖެހޭ މަސައްކަތް ކުރަމުންދާތަން މިދަނީ ފެންނަމުންނެވެ. އެހެން ނަމަވެސް އޭޓީއެމްގެ ބޫތު އިމާރަތް ކުރާނެ “އަތެއް ނެތި” ފައިވާއިރު “ޝަކުވާގެ އަޑުތައް” މިވަނީ ގަދަވެފަ އެވެ. ކުޅުދުއްފުށީގައި މިވަރު ކަމެއް ކޮށްލެވޭނެ މީހަކު ހަމަ ނެތީ ހެއްޔެވެ؟