އެމްޑީޕީގެ ރަނިންމޭޓާއެކު ކުޅުދުއްފުށިގައި އެ ޕާޓީގެ ކެމްޕެއިން އިތުރަށް ފުޅާކޮށްފައި ވާކަމަށް އެޕާޓީން ހާމަކޮށްފަ އެވެ.
އެމްޑީޕީގެ ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ކުޅުދުއްފުއްޓަށް ވަޑައިގަތީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އޭގެ ފަހުން އެބޭފުޅާއާއެކު ކަންމަތި ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އަދި މިރޭ ވެސް އެޕާޓިގެ ބާބަކިއުއެއް ހިއްކި ބިމުގައި އޮންނާނެ ކަމަށާއި ކަންމަތީ ބައްދަލުވުމެއްވެސް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ އެމްޑީޕީ ގޮފީގެ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު މައުލޫމާތު ދެއްވައެވެ.
އަލީ މުހައްމަދު ބުނީ ރަނިންމޭޓާއެކު ކެމްޕޭން ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި އެގޮތުން މިއަދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ހުރިހާ ގެއަކަށްހެން ޒިޔާރަތްކޮށް ތާއِީދު އިތުރު ކުރުމުގެ ވަރަށް ކާމިޔާބު މަސައްކަތް ތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އާ ބޭފުޅުންތަކެއްގެ ތާއީދު އެބޭފުޅުންނަށް ލިބެމުން ދާކަމަށާއި އިތުރު ވޯޓްތަކެއް ޔަޤީން ވަމުން ދާކަން ފާހަގަ ކުރައްވަމުން އަލީ މުހައްމަދު ބުނީ އުތުރު ދާއިރާގެ ގެތަކަށް މާދަމާ ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
އަލީ މުހައްމަދު އިތުރަށް ބުނީ މީގެ ކުރިން ވެސް އެންމެ ގިނަ ވޯޓް ލިބިފައިވަނީ ރައީސް ނަޝީދަށް ކަމަށާއި ދެން ވެސް އެއަށްވުރެ ގިނަ ވޯޓާއެކު ކުޅުދުއްފުށީގެ މެޖޯރިޓި ރައީސް ނަޝީދު ހޯދާނެކަމަށެވެ.
ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި އެޕާޓީގެ ކެންޑިޑޭޓް ހޮނިހިރު ދުވަހު ކުޅުދުއްފުށްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެރޭގެ ހަވާ އެރުވުމުގެ ހަރަކާތްތަކަށް ފަހު ރައީސް ނަޝީދު ބައިވެރިވެލައްވާ ބޮޑު ޖަލްސާ އެއް ވެސް އެރޭ ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.