ޗައިނާގެ ކުއްޖެއްގެ މޭމަތީގައި މޫނެއް ފަޅުވައިފި އެވެ.
17 އަހަރުގެ ޒޫ ޖިއާންމެއި ނަމަކަށް ކިޔާ މި ކުއްޖާގެ ގެ މޭމަތީގައި މޫނެއް ފަޅުވާފައިވަނީ އޭނާގެ ފައިން ޓިޝޫ ނަގައިގެން ނެވެ. ޗައިނާގެ ފުޖިއާން ޕުރޮވިންސްގެ ދަ ސިޓީ އޮފް ފޫޒައު ހޮސްޕިޓަލުގައި ކުރެވުނު މި ސާޖަރީ ހެދުމަށްޓަކައި އަށް ގަޑިއިރު ހޭދަކޮށްފައި ވެއެވެ.
ޒޫގެ މޭމަތީގައި މޫނެއް ފަޅުވާފައި މިވަނީ އޭނާގެ އުމުރުން ފަސް އަހަރުގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި މޫނު ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެންނެވެ. އެގޮތުން އެނާގެ ދަތް ދޮޅިއާއި ލޮލުގެ ބޮނޑިމައްޗާއި ކަނާތު ކަންފަތުގެ ވަރަށް ބޮޑު ބައެއް ވަނީ ހަލާކުވެގެން ގޮސްފަ އެވެ. ނަމަވެސް އޭރު އޭނަގެ މައިން ބަފައިންގެ އަތުގައި ސާޖަރީ ހަދާވަރަށް ފައިސާ ނެތުމުން އެކަން ނުވިއަސް ޑޮކްޓަރުން މިދިޔަ އަހަރުވަނީ ޒޫގެ ފައިން ޓިޝޫ ނަގައިގެން މި ސާޖަރީ ހަދައިދޭނެކަމަށް އެއްބަސްވެފަ އެވެ.
ސާޖަރީ ހިނގައި ދިޔަ ގޮތް ކިޔައިދެމުން ޒޫގެ ސާރޖަން، ޖިއާންގު ޗެންގްހޮންގް ބުނީ އެމީހުން ޒޫގެ ފަލަމަސް ގަނޑުން ޓިޝޫއެއް ނަގައި މެޔަށް އިމްޕުލާންޓް ކުރީކަމަށާއި އެއަށް ފަހު ޓިޝޫ އިމްޕުލާންޓް ކުރި ދިމާ ހަންގަނޑު ދަށަށް ސްކިން އެކްސްޕެންޑާއެއް ލުމަށް ފަހު މޫނެއް ހެދޭ ވަރުގެ ހަން އުފެއްދީ ކަމަށެވެ.
މޭ މަތީގައި ހެދި މޫނު ހެދުމުގައި ބޭނުން ކުރި ޓިޝޫތައް މަރައިނުލައި ބެހެއްޓޭނެކަން ޔަޤީން ކުރުމަށްފަހު އެ ޓިޝޫތައް މޫނަށް ޓްރާންސްޕުލާންޓް ކުރެވިގެންދާނެ އެވެ. ޑޮކްޓަރުން ގަބޫލު ކުރާގޮތުގައި ސާޖަރީ ހެދިތަން ކުރިއަށް އޮތް ދެތިން ހަފްތާއެއް ތެރޭގައި ރަނގަޅުވާނެ އެވެ.
“އޭނާއަށް އަލަށް ލިބޭ މޫނުގެ ސަބަބުން އޭނާގެ އިހްސާސްތައް ފަސޭހައިން ދައްކައި ދެވޭނެ. މިގޮތުން އޭނަގެ މޫނުގެ ކުލަވަރު ބަދަލު ކުރުމުގެ ކުޅަދާނަކަން ލިބިގެންދާނެ. އެހެން ނަމަވެސް މިކަމަށް ގިނަ ދުވަސްތަކެއް ނެގުން އެކަށީގެންވޭ،” ޖިއާންގު ބުންޏެވެ.
މިކަހަލަ އެހެން އޮޕަރޭޝަނެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ މީހެއްގެ ނިތްކުރިން ނޭފަތެއްވެސް ފަޅުވާފައި ވެއެވެ.