އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުޅުދުއްފުށީގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް މިއަދު ވެވަޑައިގެންފި އެވެ.
“އެމްޑީޕީ ވޯޓުން އުފާވެރިކަން” ކެމްޕެއިން ރަސްމީކޮށް މިއަދު ހަވީރު ކުޅުދުއްފުށީގައި އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގައި ކުރަންހުރި މަސައްކަތްތައް ނުހަނު ގިނަ ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އެމަސައްކަތަށް ނިންމާދޭނެ ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގެ ބާވިސް ކިލޯމީޓަރުގެ މަގު އެމްޑީޕީގެ ސަރުކާރެއްގައި ހަދާ ނިންމާނެކަމަށާއި ކުޅުދުއްފުށީ ހިއްކި ބިމުގައި ސިޓީ ހޮޓަލެއް އަޅާ ފެރީގެ ނިޒާމުން ކުޅުދުއްފުއްޓާއި ތިލަދުންމަތި، އިންޑިޔާއާއި ސްރީލަންކާއާއި މާލެ އަދި އައްޑޫ ސިޓީއާ ގުޅާލެވޭނެ ކަމަަށެވެ.
“މިރަށުގައި ވަނީ ބާވީސް ކިލޯމީޓަރުގެ މަގު. އެބާވީސް ކިލޯމީޓަރުގެ މަގު ވެސް ހަދާ ނިންމަން އެބަ ޖެހޭ. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން ކުރިއަށް މިއޮތް ފަސް އަހަރުގެ ތެރޭގައި މިރަށުގެ ބާވީސް ކިލޯމީޓަރުގެ މަގު އަޅުގަނޑުމެން ހަދާ ނިންމާނަން.” ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމާ ބެހޭގޮތުން ވެސް ތަފާތު ވައުދުތައް ވަނީ ވެވަޑައިގެންފަ އެވެ.
“މިރަށުގައި ބޯހިޔާވަހިކަމަށް ބޭނުން ވެފައިވާ ހުރިހާ އެންމެނަށް އެ ހިދުމަތް، އެ އަސާސީ ހައްގު ސަރުކާރުން އެބަ ފޯރު ކޮށްދޭން ޖެހޭ. އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތެރެއިން ފަށާފައިވާ މަސައްކަތްތައް ނިންމާ، އަދި އިތުރު ފުލެޓާއެކީގައި އަޅުގަނޑު ތިޔަބޭފުޅުނަށް ޔަގީންކޮށް އަރުވަނީ މި ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް އެދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި 300 މީހުން އެބަތިބި. އެމީހުންނަށް އެ އާއިލާތަކަށް އިރާދަކުރެއްވިޔާ ބޯހިޔާވަހިކަން އެމްޑީޕީ ސަރުކާރެއްގައި ފޯރު ކޮށްދޭނަން.” ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން އައީ ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ. އަދި އަމާޒަކީ ކުޅުދުއްފުށީގެ ސްކޫލު ތަކުގައި ޗީޓަރުންގެ ގޮތުގައި ހުރިހާ މާއްދާ އެއް ކިޔަވައިދެއްވަން މި ތިލަދުންމަތީގެ ދަރިން ތިބުމަށް ކަމަށެވެ.އަދި ކުޅުދުއްފުށީގައި މަތީ ތައުލީމުގެ ފުރުސަތު ފުޅާ ކުރުމަކީ ވެސް އެމްޑީޕީގެ ސިޔާސަތެއް ކަމުގައި ނަޝީދު ފާހަގަ ކުރެއްވި އެވެ.
ކުޅުދުއްފުއްޓަކީ ވިޔަފާރީގެ ރަށެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ލުއިލޯނާއި ކޮމާޝަލް ލޯނު އަދި ޑިވެލޮޕްމަންޓް ލޯން ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށާއި އަދި ބޭންކާއި މުވާސަލާތީ ހިދުމަތްތައް ވެސް ފުޅާ ކުރެވެން ޖެހޭ ކަމަށެވެ. އެހުރިހާ ކަމެއް ވެސް އެމްޑީޕީގެ ވެރިކަމެއް ގައި ކޮށްދެއްވާނެކަމަށް ނަޝީދު ވައުދު ވެވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި ޑިއުޓީ ފުރީ ކޮމްޕްލެކްސް އާއި ސިޓީ ހޮޓަލެއް ބިނާކޮށް ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ރައްޔިތުންނަން ފަހި ކޮށްދެއްވާނެ ކަމަށެވެ.
“ހިއްކި ބިމުގައި 2014 ވަނަ އަހަރު ނިމުމުގެ ކުރިން ސިޓީ ހޮޓަލެއް ބިނާކޮށް ނިންމާދޭނަން. އަދި އެހޮޓަލުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މިރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެ.” ރާއްޖޭގައި 3 އަހަރު ވެރިކަން ކޮށްފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި ރައްޔިތުންގެ އާންމު ހާލަތު ރަގަޅު ވާނެ ގޮތްތައް ހޯދާނިނުން ކަމަށެވެ. އަދި މިމަސައްކަތްތައް ކުރުމަށާއި ހިންގުމަށްޓަކައި ބޭނުން ވަނީ ވޯޓު ދިނުމުގެ ހައްގު ކަމަށް ނަޝީދު ވިދާޅުވި އެވެ.