ގައުމުގެ ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަން ވެގެން ނޫނީ ތަރައްގީއެއް ނުލިބޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މިހާރު ރައީސްގެ ސްޕެޝަލް އެޑްވައިޒަރ އައިޝަތު އާޒިމާ ޝުކޫރު ރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ އުދުވާނީ ހަމަލާގެ ހަނދާނުގައި ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާ އަކީ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަނަކަށްވެގެން ނޫނީ ތަރައްގީ އާއި ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ނުލިބޭނެ ކަމަށާއި އަދި ސަލާމަތީ ބާރުތަކަކީ ގައުމުގެ މިނިވަންކަމާއި ރައްޔިތުންނާއި އެ މީހުންގެ މުދަލުގެ ސަލާމަތްކަން ދެމެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ބަޔަކަށްވާއިރު އެ ދާއިރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ނުދިނުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ގޮވާލެއްވި އެވެ.
ކުރީގެ ދެ ސަރުކާރެއްގައި ވެސް ބަންޑާރަނައިބު ކަން ކޮށްފައިވާ އާޒިމާ ވިދާޅުވީ ގައުމަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ތެރޭގައި ސިޔާސީ ބައިބައިވުން އުފެއްދުމަށް ޖާގަދެވިގެން ނުވާނެކަމަށާއި ސިފައިންނާއި ފުލުހުން އަމާނާތެރިވާން ޖެހޭނީ ދިވެހި ގައުމަށާއި ދިވެހި ދިދަ އަށް ކަމަށެވެ.
އަދި ސިފައިންނާއި ފުލުހުންގެ އަޒުމަކަށް ވާން ޖެހޭނީ ދިވެހި ގައުމާއި ދިވެހި ދިދަ އަދި އަދި ދިވެހި ރައްޔިތުން ތާއަބަދަށް ހިމާޔަތްކޮށް ރައްކާތެރިކޮށް އަދި އަންނަން އޮތް ޖީލަށް މިނިވަންކަމާއެކު ދިވެހި ގައުމު ގެނެސްދިނުން ކަމަށް އާޒިމާ ވިދާޅުވި އެވެ.
މިޖަލްސާގައި ޝަހީދު ހުސެއިން އާދަމްގެ މަންމާ އާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ރޭގެ ޖަލްސާގައި ވަނީ ސިފައިންގެ އައްޑަނަ މަޖައްލާގެ ދުވަހާ ގުޅޭ ހާއްސަ އަދަދު ނެރެދެއްވާފަ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރެވުމުގެ މިޖަލްސާ ގައި ނަސްރުގެ ދުވަހު ޝަހީދު ހުސެއިން އާދަމް ހަނގުރާމް ކުރެއްވުމަށް ގެންގުޅުވި ބަޑި އާއި އެދުވަހު ތަމަޅައިން ގެންގުޅުނު ބައެއް ހަތިޔާރު ދައްކާލާ ފައި ވެއެވެ. އަދި ޝަހީދު ހުސެއިން އާދަމްއާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ހާއްސަ ޑޮކިއުމެންޓްރީއަކާއި ނަސްރުގެ ދުވަހާ ގުޅޭ ޑޮކިއުމެންޓްރީއެއް ދައްކާފަ އެވެ. މީގެ އިތުރުން އެކިފަރާތްތަކުން ވަނީ ދުވަހާ ގުޅޭގޮތުން މިޖަލްސާގައި ވާހަކަ ދައްކާ ޝުއޫރު ފާޅުކޮށްފަ އެވެ.
އިއްޔެ ހަވީރު އެމްއެންޑީއެފް އިން ވަނީ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުމެއް ބާއްވާފަ އެވެ.