ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުގެ ވޯޓުލުން ހޮނިހިރި ދުވަހު ބޭއްވުމަށްފަހު ދެވަނަ ބުރުގެ ވޯޓުލުން އާދިއްތަ ދުވަހަށް އަވަސްކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.
އާދިއްތަ ދުވަހު ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ރޭ ނިންމާ އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާނުގައިވަނީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އާދިއްތަދުވަހު އެ ބުރުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ ދުވަހު ވޯޓު ލުން އޮންނާނީ ފުރަތަމަ ބުރެކޭ ވެސް އެއްގޮތަށް ހެނދުނު 7:30 އިން ހަވީރު 4:00 އަށް ކަމަށެވެ.
ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރީރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ރޭ ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން، ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ވަނީ ހުޅުވާލައިފަ އެވެ.
ރީރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް އެ ކޮމިޝަންގެ ރިސެޕްޝަނުންނާއި ރެޖިސްޓްރޭޝަނާ ބެހޭ މަރުކަޒާއި ކައުންސިލް އިދާރާތަކުގެ އިތުރުން އެ ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ފޯމް ހުށަހެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ އެހެން ފަހަރު ތަކެކޭ ވެސް އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.
އާދިއްތަ ދުވަހުގެ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ވޯޓު ފޮށިތައް ގުނަން ފަށާ އާދީއްތަ ދުވަހުގެ ރޭ 11:30 ގައި އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނެ ކަމަށްވެސް އިލެކްޝަނުން ހާމަކުރެއެވެ. ކުރިން އިލެކްޝަނުން ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 16 ގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް ނަމަވެސް ދެވަނަ ބުރު އަންނަ އާދީއްތަދުވަހަށް އަވަސްކުރީ ރައީސް މުހައްމަދު ވަހީދު ރިޔާސީ ތިން ކެންޑިޑޭޓުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
އިންތިޚާބުގެ ދެވަނަ ބުރު އާދިއްތަދުވަހު ބާއްވައި، އެ ރޭ މެންދަމުގެ ކުރިން ރަސްމީ ނަތީޖާ އިއުލާންކޮށްފި ނަމަ ރިޔާސީ ދައުރު ހަމަވާ ތާރީހު ކަމަށްވާ ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު ހުވާކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.