ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅާ ނިމި ދެ މަސް ނުވަނީސް އެމަގުގެ ތާރުގަނޑުގައި ރެނދުލައި، ތާރުގަނޑު ފުޑުފުޑު ވެދާނެކަމުގެ ބިރު ހީވާން ފަށައިފި އެވެ.
ކުޅުދުއްފުށީ އަމީނީމަގުގެ ތާރުގަނޑުގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް ރެނދުލާން ފަށާފައިވާއިރު އެ ރެނދުތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންކަން ވެސް ފާހަގަ ކުރެވެ އެވެ.
މަގު ހުޅުވާ ބޭނުން ކުރަން ފެށިތާ ދެ މަސް ނުވަނީސް މަގުގެ ތާރުގަނޑު ދަނީ ހަލާކުވާން ފެށުމުން ތާރުގަނޑުގެ ކޮލިޓީ ދަށްކަމަށްބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ނޫހަށް މައުލޫމާތު ހިއްސާކުރި ރަށުގެ އިސް ރަށްވެއްސަކު ވިދާޅުވީ މަގުގައި ތާރު އަޅާފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި މަގުގެ ދެފަރާތު ފައްތަރު ވެސް އެއްވަރެއް ނޫނެވެ. މަގުގެ ބައެއް ހިސާބު ތަކުގައި ތާރު ނެއްޓި، އެ ހިސާބުތައް ފެންނަނީ ވަރަށް ރާޅުކޮށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު ހަވާލު ކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ކުޅުދުއްފުށީ އަމީނީމަގަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގެއް ކަމަށެވެ.
މިނޫހަށް މީގެ ކުރިން މަޢުލޫމާތު ދެއްވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެފައިވަނީ އަމީނީމަގުގެ ތާރު އަޅަނީ އެކަމަށް ހާއްސަ ކުރެވިގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އެކްސްޕާޓުންގެ ލަފަޔާއެކު ކަމަށާއި މަގުގެ ތާރު އަޅަނީ ރަގަޅު ފެންވަރަކަށް ކަމަށެވެ.
މިމަގު ރަނގަޅު ފެންވަރަކަށް ހެނދުމުގެ މަޝްއޫރު އަކީ 2010 ވަނަ އަހަރު އޭރުގެ ރައީސް ނަޝީދު ފައްޓަވައި ދެއްވި މަޝްއޫރެއް ނަމަވެސް ތަފާތު އެކި ސަބަބު ތަކާ ހެދި މަގުގެ މަސައްކަތްތައް ކުރިއަށް ނުދެވި ވަނީ ދެ އަހަރަށް ދިގުލައިގެން ގޮސްފަ އެވެ. އަމީނީމަގުގެ ތާރު އަޅާ ނިންމާ އެމަގު ހުޅުވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ހަސަން އެވެ.
ވަރަށް ބޮޑަށް ހަލާކުވެފައިވާ އެ މަގާމެދު ރައްޔިތުން ކުރަމުން އައި އުއްމީދުތައް ހަގީގަތަކަށް ވެފައިވީނަމަވެސް މަގުގެ ތާރުގަނޑުގެ ފެންވަރާމެދު ރައްޔިތުން ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. މަގުގެ ތާރުގަނޑު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވެގެން ދިއުމަކީ އެ މީހުން އެއްގޮތަކަށް ވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.