އަނބިމީހާއަށް އިހުތިރާމް ނުކުރިކަމަށް ބުނެ ދަރިފުޅާއި ފިރިމީހާގެ ގައިގާ ރޯކޮށްލައިފިއެވެ.
ޗައިނާގެ ޖިންހުވާ ގައި އުމުރުން 40 އަހަރުގެ ޝެން ޑަން އޭނާގެ ހަތަރު އަހަރަށްދާ ފިރިހެން ދަރިފުޅަށް ޕެޓުރޯލު ބުއިމަށް މަޖުބޫރު ކުރުމަށްފަހު ދަރިފުޅާއި ފިރިމީހާ ގައިގާ ރޯކޮށްލާފައިވަނީ ފައިސާގެ މައްސަަލައެއްގައި އިހްތިރާމު ނުކުރާކަމަށް ބުނެއެވެ. ޝެން އާއި އޭނާގެ ފިރިމީހާ އުމުރުން 48 އަހަރުގެ ޒޭން އޮއިޝޭންގ އަބަދުވެސް ފައިސާއާ ބެހޭގޮތުން ޒުވާބުކުރާ އަޑު އިވޭ ކަމަށް އެމީހުންގެ އަވަށްޓެރިން ހާމަކުރެއެވެ. މިދެމީހުން ދުވަސްކޮޅެއް ކުރިން ވަރިވެފައިވީނަމަވެސް މިހާރު ވަނީ އަލުން ކައިވެނިކޮށްފަ އެވެ.
މިދެމީހުންގެ ކައިވެނީގެ ކުރިން ޒޭން ދިރިއުޅެމުން ގޮސްފައިވަނީ އޭނާގެ އަންހެން ދަރިފުޅާއެކު އެވެ. އެހެން ނަމަވެސް ކައިވެންޏަށް ފަހު ފިރިހެން ދަރިއަކު ލިބުމާއެކު ފައިސާގެ ވާދަކިޔުންތައް މިދެމީހުންގެ މެދުގައި އަބަދުވެސް ކުރިއަށްދެއެެވެ. މިގޮތުން މިމަހުގެ ކުރީކޮޅު ކުރި ޒުވާބެއް ހޫނުވެ ޝެން ވަނީ އެޕާޓުމެންޓު ދޫކޮށްގޮސް ފެޓްރޯލު ހަމެއް ގަނެގެން ގެނެސްފައެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅަށް ފެޓްރޯލް ބޯންދިނުމަށް މަޖުބޫރުކުރުމުން ފުރަތަމަ ކޯވަރާއެކު ދަރިފުޅު ވަނީ މަންމަގެ ބުނުމަށް ޕެޓުރޯލު ނުބޯން ގަދަދައްކާފައެވެ.
މިކަމުގެ ތެރޭގައި ދެމައިން ވަނިކޮށް ޝެންގެ ފިރިމީހާއަށް އެތަނަށް އާދެވި އެކަމަށް ހުރަސް އެޅުމުން ޕެޓްރޯލުތައް ގަޔަށް އުކާލާ ގޭސް އުނދުނުގެ އެހީގައި އެމީހުންގެ ގައިގާ ވަނީ ރޯކޮށްލާފައެވެ. އަދި އެމީހުންގެ ގައިގާ ރޯކޮށްލުމުގެ ތެރޭގައި ޝެންގެ ގަޔަށްވެސް ޕެޓްރޯލު އެޅި އޭނާގެ ގައިގާ ވެސް ވަނީ ހުޅުހިފާފައެވެ. ކުޑަ ކުއްޖާގެ ގައިގާ ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ހަމަ އެވަގުތު ޒޭން ވަނީ ފަށާފައެވެ. އެހެން ނަމަވެސް ހާލަތު ސީރިއަސްވެ އެކުއްޖާއަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
ކުއްޖާގެ ހަށިގަނޑުން 35 އިންސައްތަ ފިހިފައިވާ ކަމަށާއި ބޮލަށާއި ފުއްޕާމެއަށް ޕެޓްރޯލުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި ކުއްޖާ ނުރައްކަލުން ސަލާމަތް ވިކަމުގައިވީނަމަވެސް އުމުރުގެ ބާކީ ބައިގާ ވާހަކަ ނުދެއްކޭނެ ކަމަށާއި ލޯ އަނދިރިވާނެ ކަމަށްވެސް ޑޮކްޓަރުން ހާމަކުރެއެވެ. ޝެން ވެސް ހޮސްޕިޓަލުގައި އެދުމަތިކުރެވި ބެލި އިރު އޭނާގެ ގައިގެ 15 އިންސައްތަ ވަނީ ފިހިފައެވެ.
ފުލުހުން މި މައްސަލަ ބަލާ ނިމޭއިރު ޝެން އަތުން ކްރިމިނަލް ޗާޖެއްގެ ގޮތުން ވަރަށް ބޮޑު ފީއެއް ނަގާނެއެވެ. އެހެންކަމުން ޒޭން ގަބޫލުކުރަނީ އޭނާގެ ދިރިއުޅުން ނިމުނީ ކަމަށެވެ. އެހެނީ ލޯބިވާ ދަރިފުޅުގެ ހާލު ދަށްވެ އަނބިމީހާ ކުށުގައި ބެދިގެންދާނެ އެވެ. ޒެން ބުނެފައިވަނީ އޭނާގެ އަނބިމީހާ ދެކެންވެސް ބޭނުން ނުވާ ކަމަށާއި ވަކީލެއް ހަމަޖައްސައިގެން ވަރިކުރުމުގެ ކަންތައްތައް ކުރާނެ ކަމަށެވެ. -ޑެއިލީ މެއިލް-