ތިލަދުންމަތީގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި ދިގު ތިރީސް އަހަރުގެ އާއިލީ ވެރިކަމެއް ރުޖޫއަ ކުރަން ބޭނުން ނުވާކަމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެ އެވެ.
ހއ، ހދ އަދި ށ ގައި ހުއްޓުމެއް ނެތި އެމްޑީޕީ އަށް ކެމްޕެއިން ކުރަމުންދާ ޒަކަރިއްޔާ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން މިކަން ކަށަވަރު ވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ އިން ހދ އަތޮޅުގެ މެޖޯރިޓީ ނަގާ، އޭގެ އިތުރުން ހދ އަތޮޅުން އެމްޑީޕީ އަށް 7 އިންސައްތައިގެ ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ތިލަދުންމަތީގެ މެޖޯރިޓީ އެމްޑީޕީ ނަގާނެކަމަށާއި ދުވަހެއް ދުވަހަކަށް ތިލަދުންމަތިން އެމްޑީޕީ އަށް ކުރިއެރުން ލިބެމުން އަންނަކަން ޒަކަރިއްޔާ ފާހަގަ ކުރައްވަމުން ވިދާޅުވީ ތިލަދުންމަތީގައި ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ފަރާތްތައް ވެސް މިއަދު އެމްޑީޕީ އާ ގުޅިގެން ކެމްޕެއިން ކުރަމުންދާ ކަމަށެވެ.
ތިލަދުންމަތީގައި އެމްޑީޕީ ކެމްޕެއިންތައް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށާއި އެގޮތުން އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމާއި ޑޯޓުޑޯ އަދި ކަންމަތީ ބައްދަލު ވުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ތިލަދުންމަތީގައި އެމްޑީޕީ މިހާރު ކުރަމުންދާ ކެމްޕެއިންގައި އުތުރުގެ ކޯޑިނޭޓަރ ޝިފާ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޤަފޫރާއި ކެލާ ނިޒާމް އަދި މޫސާ ނައީމްގެ އިތުރުން ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޖާބިރުގެ އަނބިކަބަލުން ދިޔާނާ ވެސް ބައިވެރިވަމުން އެބަދެ އެވެ.