ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބަލައިގަންނަކަން ހާމަކޮށް ތާއީދު ކުރައްވައިފި އެވެ.
ނަޝީދު މިކަން ހާމަކުރަމުން ވިދާޅުވީ ޔާމީނާއެކު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު ޔާމީން ރަނގަޅަށް ދެނެވަޑައިގަންނަވާތީ ޔާމީނަށް ތާއީދު ކުރެއްވުމަށް ނިންމެވީ ކަމަށެވެ.
ނަޝީދު ވިދާޅުވީ ޔާމީން އަށް ތާއީދު ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ކުރިންވެސް ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވެފައި އެ ތަޖުރިބާ ރަނގަޅު ނުވުމުން ކަމަށެވެ. އަދި ޔާމީން އަށް ތާއީދު ކުރައްވަން ނިންމެވީ ޔާމީނަކީ އަލަށް ރާއްޖޭގެ ރައީސްކަމަށް އެރުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށްވެފައި ގައުމުގައި އުފެދިފައިވާ މައްސަލަތަކަށް ހުރި ހައްލަކީ ޔާމީނު ކަމުގައި ޤަބޫލު ކުރައްވާތީ ކަމުގަ އެވެ.
ޔާމީނަށް ތާއީދު ކުރެއްވުމަށް ނިންމެވިއިރު ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ އެ މަނިކުފާނުގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކެއްވެސް ހުރިކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެސީ ދެމެހެއްޓުމަށާއި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ޔާމީނުގެ ކިބައިން އެދޭ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެބޭފުޅުންގެ ތެރެއިން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެންމެ ޤާބިލު ބޭފުޅަކީ ޔާމީން ކަމަށް ވީއިރު ރާއްޖޭގައި ހުރި އިޖުތިމާއީ އިގްތިސާދީ އަދި ޒުވާނުންނާ ގުޅުން ހުރި މައްސަލަތައް ޔާމީންގެ ވެރިމަކެއްގައި އެންމެން ގުޅިގެން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.