މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ބެހެއްޓި 475 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނާ ނިމިފައިވާ 474 ފޮށީގެ ނަތީޖާއަށް ބަލާއިރު 51 އިންސައްތަ ޔާމީނަށް ލިބިވަޑައިގެންފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 48 އިންސައްތަ އެވެ.
ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. ވަހީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ދިޓީވީއަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. ވަހީދު ވިދާޅުވީ މިއީ ހައްގަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި ވަގުތަކީ އިދިކޮޅު ފަރާތްތަކަށް ހެޔޮކޮށްހިތައި ގައުމު އާރާސްތުކުރަންވީ ވަގުތުކަމަށް ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުޅުދުއްފުށީގައި ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޔާމީނަށް 2480 ވޯޓު ލިބިވަޑައިގަތްއިރު ނަޝީދަށް ލިބިވަޑައިގަތީ 1899 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީނަށް 1240 ލިބިވަޑައިގަތްއިރު ފުރަތަމަ ބުރުގައި ނަޝީދަށް ލިބިވަޑައިގަތީ 1746 ވޯޓެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނު ނުކުރާއިރު، ދުވަހު ނޫސް “ހަވީރު”ގެ ނަތީޖާއިން ދައްކާގޮތުގައި ނުގުނާ ބާކީ ދެ ފޮށި ހުރިއިރު 110555 ވޯޓު ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ވަނީ ލިބިވަޑައިގެންފަ އެވެ. ނަޝީދަށް ލިބިވަޑައިގެންފައިވަނީ 104462 ވޯޓެވެ.