ތިލަދުންމަތި ތަރައްޤީ ކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސަށް ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ މެމްބަރު ޣަފޫރު ވިދާޅުވީ މުޅި ތިލަދުންމަތީގައި 64 ހާހެއްހާ ރައްޔިތުން ދިރިއުޅޭ ކަމަށާއި އެހުރިހާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މި ޤައުމަށްޓަކާ ތިލަދުންމަތީގެ ރައްޔިތުން ވެފައިވާ ގުރުބާނީއަކީ ސަރުކާރުން ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ތިލަދުންމަތި ތަރައްޤީ ކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޔޫރަޕްގެ ބޯޓުތައް ޖެއްސޭވަރަށް ތަރައްޤީ ކުރަން ޖެހޭ ކަމަށާއި ހިރިމަރަދޫ އާއި ކުރިނބީގެ ބަނަދަރުގެ މަސައްކަތް އަވަސްކުރަން ޖެހިފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ. މީގެ އިތުރުން ފިނޭއަކީ ޕްރީ ސްކޫލެއް ބޭނުންވެފައިވާ ރަށެއް ކަމަށާއި މިކަންވެސް އަވަހަށް ކޮށްދިނުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ޣަފޫރު ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިން މިހާރުގެ ސަރުކާރަށް ވޯޓު ދީފައިވަނީ ވަރަށް ފޮނި އުއްމީދު ތަކެއްގައި ކަމަށާއި އެ ފަރާތްތަކުގެ އުއްމީދުތަކުގައި ކުލަޖައްސައިދިނުމަށްވެސް ޣަފޫރު ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި ސިޔާސީ ފިކުރު ތަފާތު ވިޔަސް އެންމެން ދިރިއުޅެން ޖެހެނީ އެއް މުޖްތަމައެއްގައިކަން ފާހަގަ ކުރައްވަމުން ޣަފޫރު ވިދާޅުވީ ހުށަހެޅިފައިވާ ބަޖެޓުގައި އުނިކަންތައްތަކެއް އެބަހުރި ކަމަށެވެ.
މިގޮތުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބައިތައް ހިމަނާފައި ނެތް ކަމަށާއި ކޯޓުން ބޭރުގައި ހައްލުކުރަންޖެހޭ މައްސަލަތަކަށް ހަރަދުވާނެ ފައިސާ ލިބޭނެ އިންތިޒާމު ވެސް ބަޖެޓުގައި ނެތްކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި އެހެން ކަމުން މިހުރިހާ ކަމެއް ހިމަނާ މުޅި ބަޖެޓު އެއްކޮށް ރިވައިޒް ކުރަން ޖެހޭ ކަމަށާއި ދައުލަތް ދަރަނިވެރިވާ ގޮތަށް ބަޖެޓު ފާސްކުރިކަމުގައިވީނަމަވެސް ވާން ނެތްކަމަށް ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރާނެ ކަންތައްތައް ބަޖެޓުގައި ހިމަނަންޖެހޭ ކަމަށާއި މި ބަޖެޓަށް އެންމެ ފުރިހަމައަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.
މިހާރު މަޖިލީހުގައި ބަހުސް ކުރެވެމުންދާ ބަޖެޓަކީ ކުރީ ސަރުކާރުން މަޖިލީހަށް ފޮނުއްވި ބަޖެޓެކެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީއާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ ބަޖެޓު އަލުން އިސްލާހުކޮށް މި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާއެކު ބަޖެޓު އަލުން މަޖިލީހަށް ފޮނުވުމަށް ތާއީދު ކުރައްވާ ކަމަށެވެ.