ކުޅުދުއްފުށި އޮންލައިނާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކުރުވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ކުޅުދުއްފުށީ އޮންލައިނުގެ މެނޭޖުމެންޓުން ހާމަކޮށްފި އެވެ.
މިގޮތުން މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިއަހަރުގެ ދިރާސީ އަހަރުނިންމުމުގެ ގޮތުން ބާއްވާ ރިޕޯޓުފޮތް ދިނުމުގެ ރަސްމިއްޔާތުގައެވެ. ޖަލާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓާއި ގުޅިގެން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 35 ބައިވެރިއަކު ވަނީ ބައިވެރިވެފަ އެވެ.
ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ ދިވެހި ބަސް ކުރިއަރުވާ ވާހަކަ ލިޔުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި 15 ދަރިވަރުންގެ ވާހަކަ ކުޅުދުއްފުށީ އޮންލައިނުގައި ވަނީ ޝާއިއު ކޮށްފައެވެ.
ކުޅުދުއްފުށި އޮންލައިނުން މިދިޔަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ޝާމިލް އިބްރާހިމް އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ އަށް ދިޔަ ފަރާތަށް އެންޑްރޮއިޑް ޓެބްލެޓެއްގެ އިތުރުން ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ވަނީ ދީފައެވެ. މިއަހަރުގެ މުބާރާތުގެ އެއްވަނަ އަށް އަންނަ ކުއްޖަކަށް ވެސް އެންޑްރޮއިޑް ޓެބްލެޓެއް ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.