ކުޅުދުއްފުށީގެ ތަރައްޤީއަށް ކައުންސިލުން ކުރަން ބޭނުންވި ގިނަ ކަންތައްތަކެއް ނުކުރެވި ވަނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހަސަން ވިދާޅުވީ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކަންތައްކުރަން ބޭނުން ކަމުގައި ވިޔަސް، ފައިސާ ނެތުމުގެ ސަބަބުން ކަންތައް ނުކުރެވިވާ ކަމަށެވެ.
“ކައުންސިލުގެ މާލިއްޔަތަށް މަހަކު ލިބެނީ ގާގަނޑަކަށް 70 ހާހެއް ރުފިޔާ. އެ ފައިސާއިން ކައުންސިލުގެ ބެލުމުގެ ދަށުގާވާ މިސްކިތްތަކާއި ދެ ޕްރީ ސްކޫލާއި ޕަބްލިކް ވޯކްސް ސައިޓްގެ އިތުރުން ޒޯން ސްޓޭޑިއަމްގެ ހަރަދުތައް މި ބަލަހައްޓަމުން ދަނީ” އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒޯނު ސްޓޭޑިއަމް ތަރައްޤީ ކުރުމަށް 1.3 މިލިއަން ރުފިޔާ ހިމަނާފައި ވީނަމަވެސް މުވައްޒަފުންގެ މުސާރައިގެ އިތުރުން، އިތުރު އެއްވެސް ފައިސާ އެއް ސަރުކާރުން ނުދެއްވާ ކަމަށެވެ.
ކައުންސިލް އިންތިޚާބުވި ފަހުން ރާއްޖޭގެ ވެރިކަމަށް ތިން ރައީސުން ވަޑައިގެންފިކަން ފާހަގަ ކުރައްވަމުން އަލީ ވިދާޅުވީ ކޮންމެ ރައީސެއްގެ ވެރިކަމަށް އައިސް ގެންގުޅުއްވާ ސިޔާސަތުތައް ތަފާތުވުމަކީ ރަށުގެ ތަރައްޤީއަށް ހޯދަން ބޭނުންވި ފައިސާ ހޯދުމަށް ކުރިމަތިވި ދަތިކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.
މި ހުސްވި މަހު ކައުންސިލުގެ ރައީސްކަމަށް އިންތިހާބުވި އަލީ ވިދާޅުވި ރައީސް ނަޝީދުގެ ވެރިކަމުގައި ޕްރީ ސްކޫލުތަކަށް ބަޖެޓެއް ދެއްވި ކަމަށާއި އެހެންނަމަވެސް 7 ފެބްރުއަރީގައި ވެރިކަން ބަދަލުވި ފަހުން ޕްރީ ސްކޫލުތަކަށް ސަރުކާރުން ދެމުންގެންދިޔަ ބަޖެޓް ނުދޭ ކަމަށެވެ. އަދި ކައުންސިލުގެ އާމުދަނީ އިތުރު ކުރުމަށް ބަލާއިރު ދިހަ އަހަރަށް ވުރެ ގިނަ މުއްދަތަކަށް ބިމެއް ކުއްޔަށް ދޭނަމަ، މިނިސްޓްރީގައި އެދެން ޖެހޭ ގޮތަށް އޮންނަ އޮތުމަކީ ވެސް އިތުރު ދަތިތަކެއް ކަމަށް އަލީ ވިދާޅުވި އެވެ.
7 ފެބްރުއަރީ ސަރުކާރު ބަދަލުވުމާއެކު ކުޅުދުއްފުއްޓަށް އެމްޑީޕީ ސަރުކާރުން ކުރުމަށް ނިންމާފައިވާ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހުއްޓުނު ކަމަށްވެސް އަލީ ވިދާޅުވި އެވެ. އެ ގޮތުން ރާއްޖެއިން ބޭރުގެ ހިލޭ އެހީދޭ ޖަމްއިއްޔާ ކަމަށްވާ ފިދާ އިންޓަނޭޝަނަލުގެ އެހީގައި އަޅަން ނިންމާފައިވާ އެންމެ ބޮޑު ޒުވާނުންގެ މަރުކަޒުގެ މަޝްރޫއު ވެސް ހުއްޓުނު ކަމަށާއި އެ މަޝްރޫޢު ހުއްޓުމުން ވެސް ކައުންސިލުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޣައްސާނުއާ ބައްދަލު ކުރައްވާ އެ މަޝްރޫއު އަލުން ފައްޓަވާ ދެއްވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކައުންސިލެއް އިންތިހާބު ވެފައިވީނަމަވެސް ފައިސާ ލިބޭނެ މަގެއް ނެތި އެއްވެސް ބަޔަކަށް ތަނެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.