ކުޅުދުއްފުށި އޮންލައިނުން ބޭއްވި ތިންވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ އަހުމަދު އިބްރާހިމް ހޯދައިފި އެވެ.
ޖަލާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓާއި ގުޅިގެން ބާއްވަމުން އަންނަ މި މުބާރާތުގެ އެއްވަނަ އަށް ދިޔަ އެ ސްކޫލުގެ 12 ސީގެ ދަރިވަރު އަހުމަދު އިބްރާހިމް ލިޔެފައިވާ ވާހަކައަކީ “ކަސްބީ” އެވެ. މުބާރާތުގެ އެއްވަނަ އަށް ހޮވުމުން “ކުޅުދުއްފުށި އޮންލައިން”ގެ ފަރާތުން އަހުމަދު އިބްރާހިމަށް ވަނީ އެންޑްރޮއިޑް ޓެބްލެޓެއްގެ އިތުރުން ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ދީފައެވެ.
މިމުބާރާތުގެ ދެވަނަ އަށް ހޮވިފައިވަނީ 11 ބީގެ ޝަހީދާ އިބްރާހިމް ލިޔެފައިވާ “ކަފުންކުރި އިތުބާރު” އެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ 11 އޭގެ އަރީޝާ މޫސާ ލިޔެފައިވާ “އަހަރެންގެ ހަޔާތް” ނަމަކަށް ކިޔާ ވާހަކައެވެ.
މުބާރާތުގެ ދެވަނަ އަދި ތިންވަނަ ދަރިވަރަށް އިނާމެއްގެ ގޮތުން ޕެންޑްރައިވްއަކާއި ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ވަނީ ދީފައެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ މޮޅު 15 ވާހަކަ ލިޔުނު ދަރިވަރުންނަށް ވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ދެއްވުމަށް ފަހު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ދެއްކެވި ވާހަކައިގައި ކުޅުދުއްފުށި އޮންލައިނުން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން މިފުރުސަތު ހުޅުވާލާ ކަމަށްޓަކައި ޝުކުރު އަދާ ކުރެއްވި އެވެ. އަދި މުބާރާތުގައި ބައިވެރިވާ ގްރޭޑް 10 ގެ ދަރިވަރުންގެ އަދަދު އަންނަ އަހަރުގެ މުބާރާތުގައި އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވާހަކަ ލިޔުމަކީ ފަންނެއް ކަން ފާހަގަ ކުރައްވަމުން އަލީ އިސްމާއިލް ވިދާޅުވީ ވާހަކަ ލިޔުމަކީ އާމްދަނީ ހޯދުމުގެ ގޮތުންވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 35 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ވަނީ ކުޅުދުއްފުށީ އޮންލައިނުގައި ޝާއިއުވެސް ކޮށްފައެވެ. މިމުބާރާތުގެ ވާހަކަތަކަށް އިންސާފުކޮށްދެއްވާފައިވަނީ ޖަލާލުއްދީން ސްކޫލުގެ ދިވެހި މުދައްރިސުންނެވެ.