އޯލެވެލް އިމްތިހާނުގެ މަދުވެގެން 5 މާއްދާގައި ބައިވެރިވެ، ސްކޫލު އިމްތިހާނުގެ އެވްރެޖު މާކުސް ސާޅީހުން މަތި ހޯދައިގެން 69 ދަރިވަރަކު އެޗީވްމެންޓް ސެޓްފިކެޓް ހާސިލްކޮށްފި އެވެ.
ޖަލާލުއްދީން ސްކޫލުގެ ޘާނަވީ ދަރިވަރުންގެ ދަސްވެނިވުމުގެ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބެންކުއޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް އެޗީވްމެންޓު ސެޓްފިކެޓާއި ޝޭސް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ވިދާޅުވީ މުޖްތަމައުގެ ނޭދެވޭ ވަބާތަކުން ދުރުހެލިވެ ޤައުމާއި ރަށަށް ފައިދާނެ މަސައްކަތެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކުޅުދުއްފުށީގެ ދަރިވަރުންނަކީ ނަސީބު ގަދަ ބައެއްކަން ފާހަގަ ކުރައްވާ ކިޔެވުމަށް ލިބިފައިވާ ފުރުސަތު ތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރި ވެލެއްވިއެވެ.
ރޭގެ މި ރަސްމިއްޔާތުގައި ސްކޫލުގެ ފަރާތުން ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލާއި ޓީޗަރަކު ވާހަކަ ދެއްކެވި އިރު ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކާފައިވަނީ އީމަން އާދަމްއެވެ.
ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކޮށް އޯލެވެލް އިމްތިހާނުގައި މަދުވެގެން 5 މާއްދާގައި ބައިވެރިވެފައިވަނީ 96 ދަރިވަރުންނެވެ. އެހެން ނަމަވެސް ސްކޫލު އިމްތިހާނުގެ އެވްރެޖް ސާޅީހުން މަތި ހޯދައިގެން އެޗީވްމެންޓް ހާސިލްކޮށްފައިވަނީ 69 ދަރިވަރުންނެވެ.