ފިޔާގެ އަގު ބޮޑުވި ފަހުން ދެ މަސްވާން ކައިރިވެފައިވީ ނަމަވެސް އަދިވެސް ފިޔާގެ އަގު ތިރި ނުވާކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
ކުޅުދުއްފުށީގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ފިޔަލުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު ވަނީ 15 ރުފިޔާ އިން 25 ރުފިޔާ އަށް އުފުލިފަ އެވެ.
ހުސްވި އޮކްޓޯބަރ މަހަކީ ވެސް ފިޔަލު އަގު ބޮޑު މަހެކެވެ. އެގޮތުން އޮކްޓޯބަރ މަހު ފިޔާ ކިލޯއެއް ކުޅުދުއްފުށީގައި އެވްރެޖްކޮށް ވިއްކަން ހުރީ 35-40 ރުފިޔާ ދެމެދު އަގު ތަކެއްގަ އެވެ.
މިހިނގާ ނޮވެމްބަރު މަހު ކުރީ ކޮޅުގަ ފިޔަލު އަގު ހުސްވި މަހާއި އެއް އަގެއްގައި ހިފެހެއްޓިފައި ހުރިނަމަވެސް އަނެއްކާވެސް ވަނީ ކިލޯ އަކުން 5-10 ދެމެދުގެ އަގަކަށް އުފުލިފަ އެވެ.
ކުޅުދުއްފުއްޓަށް މައިގަނޑު ކޮށް ފިޔާ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ބުނީ ފިޔަލުގެ އަގު އުފުލިގެން އުޅޭ މައިގަނޑު ސަބަބެއް ނޭގޭ ކަމަށާއި ބެލެވޭ ގޮތުގާ ފިޔާ ސަޕްލައިކުރުމުގެ ދަތިތަކެއް ހުރުމުން ފިޔާ ހުރި ފަރާތަކުން ފިޔަލުގެ އަގު ބޮޑު ކުރަނީ ކަމަށެވެ.
“ބެލެވޭ ގޮތުގައި ފިޔަލުގެ އަގު ބޮޑު ކޮށް ހިފެހެއްޓިގެން މިއުޅެނީ ޑިމާންޑާ އެއްވަރަށް ސަޕްލައިނުކުރެވޭތީ” އާޕޮއިންޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވި އެވެ.
މާލެއިން ވެސް ބޭނުންވާ ވަރަށް ފިޔާ ނުލިބޭކަން ފާހަގަ ކުރަމުން ބައެއް ވިޔަފާރިވެރިން ބުނީ ރާއްޖެއަށް މައިގަނޑުކޮށް ފިޔާ އެތެރެކުރާ އިންޑިޔާގައި ވެސް މިދުވަސް ކޮޅު ފިޔާ އަގު ބޮޑު ކަމަށެވެ.
ކުޅުދުއްފުށީގައި ގާތްގަނޑަކަށް މި ދެ މަހުވެސް ފިޔަލުގެ އަގު ވަނީ ބޮޑުކޮށް ހިފެހެއްޓިފަ އެވެ. އަދި މިއަދު ފިޔާ ބަސްތާ އެއް އަގު ހުރީ 750-800 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި ވަކިން ފިޔާ ކިލޯ އެއްގެ އަގު އުޅެނީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގު ތަކެގަ އެވެ.