އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއަކީ އިންސާނީ ހައްގުތަކަށް އުނިކަން ގެނެސްދޭ އަދި ވަރަށް އާއްމުވެފައިވާ ކަމެކެވެ. މިގޮތުން 2013 ވަނަ އަހަރުގެ ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ގްލޯބަލް ސްޓަޑީގައިވާ ގޮތުން 35 އިންސައްތަ އަންހެނުންނަކީ އުމުރުގެ ކޮންމެސް ހިސާބެއްގައި ނަފްސާނީ ނުވަތަ ޖިންސީ ގޯނާއެއް ތަހައްމަލުކޮށްފައިވާ މީހުންނެވެ. އެހެން ނަމަވެސް ބައެއް ދިރާސާ ތަކުގައި 70 އިންސައްތަ މީހުންނަކީ މިފަދަ އަނިޔާ ލިބިފައިވާ މީހުން ކަމުގައި ބަޔާން ކޮށްފައިވެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ މިދުވަހުގެ ޕްރޮގްރާމުގެ ދަށުން 16 ދުވަހުގެ ކެމްޕޭނެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
“އޮރެންޖް ދަ ވޯލްޑް އިން 16 ޑޭސް” މިތީމްގެ ދަށުން އޮފިޝަލް ކެމްޕޭނުގައި އޮރެންޖުކުލަ ބޭނުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން 16 ދުވަހުގެ މި ކެމްޕޭނުގައި އދ ގެ ގައުމުތަކުގެ އޮފީސްތަކާއި ޖަމިއްޔާ ތަކުން މިކުލަ ބޭނުންކޮށް އާއްމުން ހޭލުންތެރިކުރުމަށް އދ އިން ވަނީ ގޮވާލާފަ އެވެ.
މި ކެމްޕޭނުގެ ތެރެއިން ހދ އަތޮޅުގައިވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެެންޓަރުން މި ހަރަކާތް ހދ އަތޮޅުގައި ރަސްމީކޮށްފާހަގަ ކުރާނީ ހދ ފިނޭގައެވެ. މިގޮތުން މިމަހުގެ 28 ވަނަ ދުވަހު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށްފަހު މައުލޫމާތު ފޯރުކޮށްދޭނެ ބިލްބޯޑު ހަރުކުރުންވެސް ކުރިއަށްދާނެ ކަމަށް ހދ އެފްސީއެސްޗީ އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރަށު ކައުންސިލްތަކާއި ޕޮލިސް ސާވިސް އަދި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ހދ ގެ ހުރިހާ ރަށެއްގައި އަނިޔާއާ ދެކޮޅު މެސެޖް ފޯރުކޮށްދޭނެ ބިލްބޯޑުތައް ހަރުކުރުން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.
އަންހެނުންނަށް ކުރާ އަނިޔާ އަކީ ހަމައެކަނި އަންހެނުންނަށް ލިބޭ އަނިޔާއެއްނޫނެވެ. އެއީ ދަރިންނަށާއި މައިން ބަފައިންނަށް ލިބޭ އަނިޔާއެކެވެ. ހަގީގަތުގައި އެެއީ މުޅި އާއިލާއަށް ލިބިގެންދާ އަނިޔާއެކެވެ