ޔޫތު ލީޑަރޝިޕް ޕްރޮގްރާމުގައި ކުޅުދުއްފުށީގެ ހަތަރު ދަރިވަރަކު ހަރަކާތްތެރި ވަމުން އެބަދެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓާއި ޔޫ.އެން.އީ.ޕީ.އޭ އާއި، އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑެވެލޮޕްމެންޓާއި ޑިމޮކްރަސީ ހައުސް ގެ އިތުރުން ރައްޔިތުންގެ މަޖިލިސް ގުޅިގެން ބާއްވާ ޔޫތު ލީޑަރޝިޕް ޕްރޮގްރާމު ފެށިފައިވަނީ އިއްޔެ ހަވީރު އެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ ނިދުމާއި ކެއުމުގެ އިންތިޒާމް ބަނޑޮހުގައި ހަމަޖެހިފައިވާއިރު ސެޝަންތައް ވެސް ކުރިއަށް ދަނީ ބަނޑޮހު ގައެވެ. ޕްރޮގްރާމްގެ ތެރޭގައި މާލޭގެ އެކިއެކި މުއައްސަސާތަކަށާއި ގިރިފުށީގެ އިތުރުން ކަމާގުޅުންހުރި އެކި ރަށްރަށަށް ޒިޔާރަތްކޮށް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޤާނޫނު އަސާސީ ދުވަސް ޑިސެމްބަރު 22 ގައި ފާހަގަ ކުރާއިރު ބްރޯޑުކާސްޓް ކުރުމަށް ތައްޔާރުކުރެވޭ ޒުވާނުންގެ މާދިރީ އާއެކު ނިމިގެންދާ މި ޕްރޮގްރާމްގައި 16 އަހަރާއި 21 އަހަރާ ދެމެދުގެ 40 ބައިވެރިއަކު ވަނީ ބައިވެރި ވެފައެވެ. މިކުދިންގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ މިއަހަރު ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10 ނިންމާފައިވާ ކުޅުދުއްފުށީ ފީފާ، އީމަން އާދަމް އާއި ލަތީފީ މަންޒިލް ސަހާނާ އަލީ އާއި ގްރޭޑް 11ގައި ތައުލީމު ހާސިލްކުރަމުންދާ ކުޅުދުއްފުށީ އޮއިވަރު، ޝަހީދާ އިބްރާހިމާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް ގައި 11 ކިޔަވަމުންދާ ކުޅުދުއްފުށީ ޖައުޒާ، ރައުފާ މުހައްމަދެވެ.
މުޖްތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކާމެދު މަޝްވަރާކޮށް ދަރިވަރުންގެ ކިބައިގައި އިސްނެގުމުގެ ރޫޚު އަށަގެންނެވުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދެވެ. މީގެ އިތުރުން ކަންކަމުގައި ގޮތް ނިންމަން ދަސްކޮށްދީ ޤާނޫނާއި ޑިމޮކްރަސީއާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމަށް ތަފާތު ފަރާތްތަކުގެ ލެކްޗަރުތައް ނަގައިދިނުމަށްވަނީ ހަމަޖެހިފަ އެވެ.
2010 އިން ފެށިގެން ބާއްވަމުން އަންނަ ޔޫތު ލީޑަރޝިޕް ޕްރޮގްރާމުގައި ކުޅުދުއްފުށީގެ ދަރިވަރުން ކޮންމެ އަހަރަކުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މީގެ ކުރީގެ އަހަރުތަކުގައި 11 ދަރިވަރަކު މި ޕްރޮގްރާމުގައި ބައިވެރިވެ ޒުވާނުންގެ މާދިރީގައި ވަނީ ވަކާލާތުކޮށްފައެވެ.
3 ހަފްތާގެ ނިޔަލަށް ކުރިއަށްދާ އިއްޔެ ފެށުނު މި ޕްރޮގްރާމު އަންނަ ޑިސެމްބަރު މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެއެވެ.