އަންނަ އަހަރުގެ އޯޓިޒަމް ހަފުތާ ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު (އަބްސީ) ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލްމަހު ފާހަގަ ކުރާ އޯޓިޒަމް ހަފްތާ ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ތަފާތު ގިނަ ޚަރަކާތްތަކެއް ރޭވެމުންދާ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަނީ ކުޅުދުއްފުށީގައި އޯޓިޒަމްގެ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ ސާވޭއަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އަބްސީ ވިދާޅުވި އެވެ.
އޯޓިޒަމް ހަފްތާ ފާހަގަކުރުމުގެ ގޮތުން މާލޭ، އިމާދުއްދީން ސްކޫލުގެ ސެން ކުލާހުގެ ދަރިވަރުން ކުޅުދުއްފުށްޓަށް ޒިޔާރަތްކޮށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސެންކުލާހުގެ ދަރިވަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަބްސީ ވިދާޅުވި އެވެ. މީގެ އިތުރުން އިމާދުއްދީނުގައި މަސައްކަތް ކުރައްވާ އޯޓިޒަމްގެ ތައުލީމު ލިބިލައްވާފައިވާ ޓީޗަރުން ކުޅުދުއްފުށީގެ ޕްރީ ސްކޫލްތަކާއި ޕްރައިމަރީ ސްކޫލްތަކުގެ ޓީޗަރުންނަށް ސެޝަންތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަބްސީ ވިދާޅުވި އެވެ.
އަބްސީ ވިދާޅުވީ އިމާދުއްދީން ދަރިވަރުންގެ ޝަރަފުގައި ކުޅުދުއްފުށީގެ މަގުތަކުގައި ހިނގާލުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޯޓިޒަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން އޭޕްރީލް 4 ވަނަ ދުވަހު ހާއްސަ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަވީރުގައި އޯޓިޒަމް ކުދިން ބައިވެރިކޮށް ތަފާތު ސްޓޯލް ތަކުގެ އެހީގައި ހޭލުންތެރި ކުރުމުގެ ކަންތައްތަކެއް ކުރިއަށްގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އޯޓިޒަމް ހަފްތާ ކުޅުދުއްފުށީގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު ޕްރޮގްރާމުތައް އިޝްތިހާރު ކުރުމުގެ ތެރެއިން މަސް ދުވަހުގެ ކައުންޓުޑައުން އަކާއެކު ހޭލުންތެރިކުރުމުގެ ވީޑިޔޯ ކްލިޕްތަކެއް ދެއްކުމަށް ޓީވީއެމް އާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އަބްސީ ވިދާޅުވި އެވެ.
އަދި މި ހަފްތާ ފާހަގަ ކުރުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ފަރާތްތައް ކަމަށްވާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާއި އަންހެން ގައުމީ ޓީމުގެ ކެޕްޓަން މަރިޔަމް މިރުފަތު ގެނައުމުގެ ވާހަކަތައް ދެކެވިފައިވާ ކަމަށްވެސް އަބްސީ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ހުރެއްޖެ ނަމަ އަޝްފާގު މިކަމުގައި ބައިވެރިވެދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ފަދުވާ އަންނާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ހދ ރިސޯސް ސެންޓަރުގެ ޓީޗަރ އެޑިއުކޭޓަރ އަބްސީ ވިދާޅުވި އެވެ.
އަބްސީ އިތުރަށް ވިދާޅުވީ ޤައުމީ ފެންވަރުގައި އޯޓިޒަމް ހަފްތާ ކުޅުދުއްފުށީގައި ފާހަގަ ނުކުރެވުނު ކަމުގައި ވީނަމަވެސް ރަށު ފެންވަރުގައި ވަރަށް ކުލަގަދަކޮށް މި ހަރަކާތްތައް ފާހަގަކުރާނެ ކަމަށެވެ.