ކުޅުދުއްފުށީ ބަންޑާރަމަގުގެ ދުވާރު ހެދުމާ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީގެ) މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައިވީނަމަވެސް އެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މިކަމާ ގުޅެގޮތުން އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ ބަންޑަރާ މަގުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ދަންނަވަން އެނގޭނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި މުހައްމަދު ހަސަން ވިދާޅުވީ މިހާރު ކުރިއަށްދަނީ އަމީނީމަގުގެ އުތުރުކޮޅުގައ ތާރު އަޅާފައިވާ ހިސާބުން ފެށިގެން މޯލްޑިވުސް ވޯޓާރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ދެމެދުގައިވާ ބިމުގައި ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށެވެ.
ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އެޅުމަށްފަހު އެ މަގު ރަސްމީކޮށް ހުޅުވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. މިއަދާ ހަމައަށް ތާރުގަނޑަށް ތިން މަސް ވެފައިވީއިރު ތާރުގަނޑުގެ އެކި ތަންތަނުން ރެނދުލައި ކަނޑައިގެންދާން ވަނީ ފަށާފަ އެވެ.
މުހައްމަދު ހަސަން ވިދާޅުވި ގޮތުގައި ތާރުގަނޑު މިހާ އަވަހަށް ހަލާކުވާން ފަށާފައިވާ ސަބަބެއް އެނގޭނީ އެކަމުގެ އިންޖިނިއަރުންނަށެވެ. ތާރުގަނޑު ހަލާކުވާން މެދުވެރިވާ ސަބަބު ބެލުމަށްޓަކައި އެކަމާ ގުޅުންހުރި ފަރާތްތަކުން ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް އަންނާނެ ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.
އަމީނީމަގުގައި ކަނޑައެޅިފައިވާ މިންގަނޑަށް ނުފެތޭވަރުގެ ތަނެއް ނުހުންނާނެކަމަށް އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ކުރިން މި ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
އަމީނީމަގުގެ އިތުރުން ކުޅުދުއްފުށީ ބަންޑާރަމަގަކީވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެކެވެ. އެ މަގުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރިނަމަވެސް ވިއްސާރަ ދުވަސްވަރެއްނަމަ މަގުގައި ފެންބޮޑުވެ މަގުގައި ގިނަ ވަޅުތަކެއް ހެދެއެވެ.