ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ކައުންސިލަށް ޕީޕީއެމް އިން ނެރޭނީ ތައުލީމީ އަދި ތަޖުރިބާހުރި މީހުންކަމަށް ޕީޕީއެމްއިން ހާމަކޮށްފިއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އާދަމް މުހައްމަދު (ފީފާ އާދަނު) ވިދާޅުވީ ޕީޕީއެމް އިން ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ ކަމަށް ޤާބިލް ތައުލީމު ލިބިގެންވާ ކުދިން ކަމަށެވެ.
“އަޅުގަނޑުމެން މިބަލަނީ ކިޔަވައިގެން ތިބި ތަޖުރިބާކާރު ކުދިންނަށް. ހަމައެކަނި ކިޔަވައިގެން ތިއްބަސް އަދި ކަމުގެ ތަޖުރިބާ ހުރުންވެސް އެއީ މުހިއްމު ކަމެއް.” އާދަމް ވިދާޅުވި އެވެ.
ވެރިކަންކުރާ ކޯލިޝަންގެ ޕަސެންޓޭޖްތައް ފައިނަލް ވެގެން ދިޔުމުން ކައުންސިލަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާ ފަރާތްތައް ކަނޑައެޅިގެން ދާނެ ކަމަށާއި މިހާރުވެސް ބައެއް ފަރާތްތަކުގެ ނަންތައް ހުށަހަޅާފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.
“މިހާރުވެސް އަޅުގަނޑުމެންނަށް 10 ވަރަކަށް ނަން ލިބިފަ އެބައޮތް. އެ ފަރާތްތަކުގެ ސަޕޯޓު މިކަމުގަ އެބަލިބޭ.” އާދަމް ވިދާޅުވި އެވެ.
އާދަމް އިތުރަށް ވިދާޅުވީ ގިނަ ނަންތަކެއް ލިބިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެހެންނަމަވެސް ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.